ރައްޔިތުންގެ މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރައްވަައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާ ބައްދަލު ކުރައްވައިފިއެވެ.

ނަޝީދާއި އުއްތަމަ ފަނޑިޔާރު މިއަދު ބައްދަލު ކުރެއްވީ މަޖިލިސް އިދާރާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރައްވާފއިމިވަނީ ގާނޫނީ ބައެއް މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހާ ސުޕްރީމް ކޯޓާ ހިޔާލުތަފާތުވުންތައް އުފެދި ދެ މުއައްސަސާ އިން ގާނޫނީ "ހަނގުރާއެއް" ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަަލް ސާވިސް ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ވެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުން އެދިފައިވާތީ އެކަން ކުރާނީ ބޭރުގެ ފަރާތެއްވެސްް ހިމެނޭ ގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއްތޔެ ވަނީ ބުނެފައެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބަލަނީ އެކަމަށް އެދި މަޖިލީހުން ގަރާރެއް ފާސްކޮށް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.

އެކޮމިޝަނުން މިހެން ބުނީ ބޭރުގެ ފަރާތެއް ހިމަނައިގެން އެކަން ކުރަން ނިންމީ މިއީ ދިވެހިރާއްޖޭގަައި އަލަށް ކުރާ ކަމަކަށް ވާތީކަމަށެވެ. އަދި ކޮންސަލްޓަންޓެއްގެ އެހީތެރިކަން ހޯދަންވެސް އެ ކޮމިޝަނުން އިއްޔެ ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެސް އެ ކޮމިޝަނުން އިއްޔެ ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެއީ ރައީސް ޔާމިން ހައްޔަރު ކުރަން އަމުރުނު ނެރުނު މެޖިސްޓްރޭޓް ނިހާންގެ ސަސްްޕެންޝްން އުވާލުމަށެވެ.

މިގޮތަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ނިހާން ކުއްވެރިވާކަމަށް ނިންމި ނިންމުންް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލުކަމަށް ނިންމާފައިވާ ނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ އެޮފީހުން ނިންމާފައިވާތީކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު