ޖަލު ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މާފުށި ބެލެހެއްޓުން ވަރުގަދަކޮށްފި

މާފުށި ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގަނީ: ފައިލް ފޮޓޯ ޕޮލިސް

މާފުށީ ޖަލުގައި މިމަހު 20 ވަނަ ދުވަހުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ގުޅިގެން ކ. މާފުށީގެ ރަށުތެރެ ބެލެހެއްޓުން އިތުރުަށް ވަރުގަދަކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ލޯކަލް ޓޫރިޒަމްގައި ދިވެހިރާއްޖޭގައި އެންމެ މަޝްހޫރު އެއް ރަށަކީ ވެސް މާފުއްޓެވެ.

"ޖޫން 20 ވަނަ ދުވަހު 17:38 ހާއިރު މާފުށީ އޮފިސަރަކަށް ހަމަލާދި ޖަލުގައި މާމާރާ ހިންގި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭ. އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން،" މިއަދު ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޖޫން މަހުގެ 23 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކުރިމަތީގައި ބަޔަކު ހަޅޭލަވާ ހަޅުތާލު ކުރި މައްސަލައާ، މާފުށީ މަގުމަތިން ޖަލު އޮފިސަރަކަށް ހަމަލާ ދިން މައްސަލަވެސްް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މާފުށީ ޖަލުގައި ކުރިއަށް ގެންދާ ޖަލު ބަލައި ފާސް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް ކަރެކްޝަނަލްް ސާވިސްގެ ފަރާތުން ކަމަށެވެ. އަދި ދިމާވެދާނެ ހާލަތައް ރައްކާތެރި ވުމަށް ފުލުހުންގެ ޓީމެއް މާފުށީގައި ތައްޔާރީ ހާލަތުގައި އެބަ ތިއްބެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ޖަލުގެ ކޮމާންޑެރެއް ވަނީ ސަސްޕެންޑު ކޮށްފައެވެ. އަދި އަނިޔާވި ޖަލު އޮފިސަރަށް މާލެ ގެނެސް ފަރުވާ ދީފައިވެއެވެ.

މި މައްސަލަގައި ގާމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެތީއަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވެސް ހާޒިރު ކުރިއެވެ.

ނަމަވެސް އިއްޔެއާއި ރޭ ވެސް ވަނީ މާފުށީގައި ހަމަނުޖެހުންތަކެއް ހިންގާފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޕެޕާސްޕްރޭ ޖެހިއެވެ. އަދި ބައެއް ގައިދީންނަށް އޭގެ އަސަރުކޮށް ހާލު ދެރަވިކަމަށް ހަބަރު ފެތުރުނެވެ.

'މި މައސަލާގައި ކަރެކްްޝަންސް އިން ބުނެފައިވަނީ އިއްްޔެ ގައިދީން އަލުން އަނބުރާ ޖަލަށް ވެއްދުމަށް ދެކޮޅު ހެދުމުން 'ގާނޫނުގެ ދަށުން ލިބޭ ބާރުގެ ބޭނުން ކޮށްފައިވާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު