ރައީސް ނަޝީދަށް ހުރިހާ ލަގަބަކާއެކު މުހާތަބު ކުރަން އިލްތިމާސް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މީޑިއާތަކުގައި މުހާތަބު ކުރާއިރު އެމަނިކުފާނުގެ ހުރިހާ ލަގަބަކާއެކު އެ މަނިކުފަނަށް މުހާތަބުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އިލްތިމާސް ކުރައްވައިފިއެވެ.

މަޖިލީހުގެ ކޮމިއިނިކޭޝަންސް ޑިރެކްޓަރު މިގޮތަށް އިލްތިމާސް ކުރައްވާފައިވަނީ "މިހާރު" ނޫހުގައި "ނާޝީދާއި އުއްތަމަ ފަނޑިޔާރު ބައްދަލު ކުރައްވައިފި" މި ނަމުގައި ލިޔެފައިވާ ހަބަރެއްގައި އެ މަނިކުފާނުގެ ހުރިހާ ލަގަބެއް ނުހިމަނާ ލިޔެފައިވާތީއެވެ.

ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ވެސް ރައީސް އެވެ. އަދި މަޖިިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެްސީގެ މެމްބަރުކަން ވެސް ރައީސް ނަޝީދު ގެންދަވަނީ ފުރުއްވަމުންނެވެ.

ގައުމެއްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެންމެ ފުރަތަމަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވަނީ ފިލިޕީންސްގެ ކުރީގެ ރައީސް ގްލޯރިއާ މަކަޕަގަލް އަރޯޔޯ އެވެ. އޭނާ އަކީ މިހާރުވެސް އެގައުމުގެ މަޖިލީހުގެ ރައީސް އެެވެ.

މިހެން ކަމުން ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވުމުން ރައީސް ނަޝީދު ވެފައިވަނީ ރައީސްކަން ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސް ކަން ދުނިޔޭގައި ކުރައްވާ ދެވަނަ ބޭފުޅާއަށެވެ.

ނަމަވެސް ދިވެހި ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި ބޭފުޅަކު މަޖިލީހުގެ ފުރަތަމަ ރައީސްކަމަށް ވެލެއްވުމާއި، ދައުލަތުގެ ވެރިކަން ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސްކަން ކުރެއްވި ފުރަތަމަ ބޭފުޅާގެ ލަގަބު ލިބެނީ ރައީސް ނަޝީދަށެވެ. މާނައަކީ މީގެ ކުރިން ދިވެހި ސުލްތާނަކުވެސް ތަހުތައް އިސްވުމަށްފަހު މަޖިލީހުގެ ރައީސްކަން ކުރެއްވިކަމަކަށް ތާރީހެއް ނުބުނެއެވެ.

ސުލްތާން އިބްރާހިމް ފަރީދް ދީދީ ވަނީ ރަސްކަމަށް އިސްވުމުގެ ކުރިން 1954 ވަނަ އަހަރުން 1959 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައެވެ. ނަމަވެސް އެއީ ވެރިކަން ލިބިވަޑައިގަތުމުގެ މާކުރިންނެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީންއާ، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރާއި، ދެވަނަ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި، ރައީސް ޑރ. މުހައްމަދު ވަހީދާއި، ރައީސް އަބްދުﷲ ޔާމިން ވެސް މަޖިލީހުގެ ރައީސް ކަން ނުކުރައްވައެވެ. ނަމަވެސް މުހައްމަދު އަމީނަކީ މަޖިލީސް މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމަށް އިންތިހާބު ވެ ވަޑައިގަތީ 67 މެމްްބަރުންގެ ވޯޓުންނެވެ. މޭ މަހު 28 ވަނަ ދުވަހު ނެގި ވޯޓުގައި ރައީސް ނަޝީދާ ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ އެންމެ 17 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ދެރަހަ

    ތިޔައީ ރަނގަޅު ވަހަކައެއް.

    3
    1
  2. ރައީސް

    ނުބުނޭ ހުރިހާ ލަގަބަކުން މުހާތަބު ކުރަން. ދޯ….

  3. މާރިއާގެ އަމައި

    ނަޝީދޫގެ ހަޔާތްކުޑަކަމާ އަޅުވެތިކުރުން ދެން ކޮންކަމެއް.

    6
    17