ގައިދީންނަށް އަނިޔާކުރި މީހުން ނުހޯދެނީ ޤާބިލްކަން ނެތީމަ!

 

ދިވެހިރާއްޖޭގެ ޖަލުތަކުގައި ޤައިދީންނަށް އަނިޔާ ކުރާ ވާހަކައަކީ އާވާހަކައެއް ނޫނެވެ. އަބަދުވެސް ޖަލުތަކުގެ ވާހަކަ އަޑު އިވެމުން އަންނަނީ ވަރަށްވެސް ދުރުދުރުންނެވެ. ކަމުގެ ހަޤީގަތެއް އެއްވެސް ވަރަކަށް އޮޅުން ނުފިލާ ވަރަށެވެ. ހުރިހާ ސަރުކާރުތަކެއްގައިވެސް ޖަލުތަކުގައި ހިންގާ ކަންކަމާއި، ހިނގާ ކަންކަމަކީ ވަރަށްވެސް ބޮޑަށް ސިއްރު ކުރަމުން އަންނަ ކަންކަމެވެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި ޖަލުތަކުގައި އަނިޔާކުރާ މިންވަރާއި ކުރާ އަނިޔާތަކުގެ ވާހަކަތައް ވަރަށްވެސް ބޮޑަށް އައީ ތިލަވަމުންނެވެ. އެހެން ނަމަވެސް އޭރެއްގެ އޮންނަ ސަރުކާރަކުން އަބަދުވެސް ގެންދިޔައީ ރައްޔިތުންނަށް އެމަޢުލޫމާތުތައް ވަރަށް ބޮޑަށް އޮޅުވާލަމުންނެވެ.

ކޮންމެ ސަރުކާރަކުންވެސް ޖަލުތަކުގައި ދގައިދީންނަށް ދެވޭ އަނިޔާގެ ވާހަކަތައް މާބޮޑަށް ސިއްރުކުރަނީ އެކަމުގެ ސަބަބުން ވެރިކަމުގެ ނިޒާމަށް ލޮޅުންއަރާ ވަރުގެ ކަމަކަށް އެކަންވާތީ ކަމަށް ޤަބޫލުކުރާންޖެހެއެވެ. މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ނިމުންވެސް ފެށިގެންއައީ ޖަލުގެ ތޭރިތަކުގެ ތެރެއިން ކަމަށް ބެލެވިދާނެއެވެ. ދިވެހިރާއްޖޭގެ ކޮންމެ ވެރިކަމެއްގައިވެސް ޖަލުތަކުގައި މިފަދަ ކަންކަން ހިނގްގައެވެ. ނުވަތަ ހިނގައެވެ. މިއީ ސިޔާސީ ކަމެއް މިކަމުގެ އަޑިގައި އޮވެގެން ހިންގާ ކަންކަމަށްވެސް ބުރަވެވޭ މީހުން ތިބެއެވެ.

ކޮންމެ ގޮތަކަށް މީހުން ޤަބޫލުކުރިޔަސް ޤައިދީންނަކީ ސިޔާސީ ބޭނުމަކަށްވެސް އަދި އަމިއްލަ ބޭނުމަކަށްވެސް ހިތުހުރިހާ ގޮތަކަށް އަނިޔާކުރަން ޖަލުތަކުގެ ވެރިންނަށް ދީފައި ހުރި "އެއްޗިއްސެއް" ނޫންކަން ދަންނަންވާނެއެވެ. ޖަލަށް ލެވޭ ކުށްވެރިންނަކީ ކުށުގެ ވެށިން ސަލާމަތް ވުމަށްފަހު މުޖުތަމަޢަށް ބޭނުން ހިފޭ ބަޔަކަށް ހެދުމަށް ދެވޭ ދެވަން ފުރުޞަތެކެވެ. އެހެން ކަމުން މިޖަލުތަކުގެ ވެރިންނަށް އޮތީ އެކަންކުރުމެވެ. އެއީ ތަޅާ އަނިޔާކޮށްގެންނެއް ނޫނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުން ތަކުގައި އެތައް ގައިދީއަކަށް އަނިޔާކޮށް އެކަންތައް އެކި ގޮތްގޮތަށް އޮޅުވާލައިގެން ސިއްރުކުރެވޭތޯ މަސައްކަތް ކުރުމަށްފަހު އެކަން ނުވުމުން ހުއްޖަތެއްގެ ގޮތުން ގައިދީންނަށް އަނިޔާކުރި މީހުން ފާހަގަކުރެވުމުން ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވުމަކީ ލަދުގަންނަންޖެހޭ ފިނޑި ޖަވާބެކެވެ. މަސްއޫލިއްޔަތާއި ޤާބިލްކަން ނެތް މީހުން ކަންކުރައްވާ ރީތި ގޮތަކީ މިފަދަ ކަންކަމުގެ ޒިންމާއުފުލައި އިސްތިއުފާ ދެއްވުމެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައިވާ ކަންކަމަށް ބަލާއިރު ކަރެކްޝަންލް ސާރވިސްގެ ދަށުގައި ހިމެނޭ އެންމެހައި ޖަލުތަކުގެ އެންމެހައިކަންކަން ބެލެހެޓުން ހިމެނެއެވެ. މުނާޒު އަށް ކަންކަން ބެލެހެއްޓިފައިނުވާކަން އަމިއްލަ ވާހަކަފުޅުން ވަނީ އިއުތިރާފްވެވަޑައިގެންފައެވެ. ޖަލުތަކުގައި ރައްކާތެރިކަން ކަށަވަރުކޮށްދެވިފައި ނުވާއިރު ގައިދީންގެ ރައްކާތެރިކަން ހުރި މިންވަރުވެސް ނޭނގޭ ހާލު ކޮމިޝަނަރ އޮފް ޕްރިޒަންގެ މަޤާމުގައި ދެމިހުންނާކަށް މުއާޒުގެ ޝަރުޠު ފުރިހަމަނުވާކަން ސާފްވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ހާޒިރުކޮށް ސުވާލުކުރުމުން މުނާޒު ފުރަތަމަވެސް ވިދާޅުވީ ސަލާމަތަށް ނުރައްކާވާ ކަހަލަ ވާހަކަ ހުރުމުން ސިއްރިޔާތުގައި އެވާހަކަތައް ކުރިޔަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މިއިން ދޭހަވަގެން ދިޔައީ ޖަލުގައި ހިނގައި ދިޔަ ކަމަކީ ކުޑަ ކުޑަ ކަމެއް ނޫން ކެމެވެ. އަދިވެސް މަސައްކަތް ކުރައްވަނީ ސިއްރުކުރައްވަން ކަމެވެ. ޖަލުގެ އޮފިސަރުންނަށް ރިހިބިލިޓޭޝަން ދޭންޖެހޭ ކަމަށް ވިޅުވިއިރު ޖަލުގެ އޮފިސަރުން ވެރިންނަށް ވެސް ރިހިބިލިޓޭޝަން މާމުހިންމުކަމަށް ފެނެއެވެ. 6 މަހަށްވުރެ ގިނަ ދުވަސްވެގެން ދާއިރު ޖަލުގައި އޮފިސަރުން މަދު ކަމާއި ޖަލުގެ ކަންކަން ހައްލުނުވެ ދާންޖެހޭ ސަބަބު ދެނަގަނެވި އެކަންކަން ހައްލު ނުކުރެވުމަކީ ވެރިންގެ އިހުމާލެވެ. މިހާރުން މިހާރަށް ޖަލުގެ ވެރިންނަށް ފިޔަވަޅު އަޅަންޖެހެއެވެ.

 

މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ދެއްވި ޖަވާބުތަކުން ދޭހަވީ ޖަލުގައި ހިންގަމުންދާ ކަންކަމުގެ މައުލޫމާތު އެނގި ހުރެ ސިއްރުކުރަން މަސައްކަތް ކުރައްވާ ކަމެވެ. ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގައިދީންނަށް އަނިޔާކުރި އޮފިސަރުން އަދި ފާހަގަ ކުރެވިފައިނުވާ ކަމަށާއި އަނިޔާ ކުރީ ކޮން އޮފިސަރުންތަކެއް ކަން ފާހަގަ ވުމުން ގަވާއިދުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާލުވި އިރު މިހާދިސާ ހިނގިފަހުނ މިހާރު މިވަނީ ދެދުވަސް ވެގެން ގޮސްފައެވެ.

ޖަލުގެ ކޮމާންޑަރ ސަސްޕެންޑް ކުރަން މުނާޒް އަށް ޖެހުނީ ކޮންމާންޑަރު ޖަވާބުދާރީ ނުކުރެވުމުންކަން ދޭހަވާ ބީދައިން މުނާޒުގެ ވާހަކަފުޅު ހުރި އިރު އެފަދަ މީހަކަށް ކޮން ޖަލެއްގެ ކޮން ކަމެއްތޯ ކުރެވޭނީ ސުވާލު އުފެދެއެވެ. ޖަލުތަކުގައި ހިނގާ ކަންކަން ރަނގަޅަށް މޮނިޓަރކޮށް ނުބެލެހެއްޓޭ މީހަކު ޖަލުތަކުގެ ކޮމިޝަނަރަކަށް ޝަރުޠު ހަމަވާނެ އެއްވެސް ގޮތެއް ނުވިސްއެވެ.

ޖަލުތަކުގެ އެންމެހައިކަންކަން ބަލެހެއްޓުމުގެ ބަލަދުވެރި ފަރާތް ކަމަށްވާ ހޯމް މިނިސްޓަރީގެ މިނިސްޓަރ އިމްރާން އަބްދުﷲ ރޭގެ ކޮމެޓީއަށް ހާޒިރުމަށް އަންގާފައިވަނިކޮށް ފުރައިގެން ދިއުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. މިކަމުން ދޭހަވަނީ މިނިސްޓަރވެސް މިކަމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމެވެ. އަދި ވަކިން ހާއްސަކޮށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަށް ފިޔަވަޅު އަޅަންޖެހޭ ތަނެއްގައި ޖަލުގެ ކޮމާންޑަރަކަށް ފިވަޅު އެޅުމަކީ ވަރަށްވެސް ބޮޑަށް ސުވާލު އުފެދޭ މައްސަލައެކެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސްއަކީ ހުދު ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ހުންނެވި ބޭފުޅަކަށްވިޔަށް ހޯމް މިނިސްޓަރަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު