"ޖަލުގައި ތިބީ ރިޖެކްޓު ކަންނެލި ކަމަށްް ދެކިގެން ނުވާނެ"

ބުރާސްފަތި ދުވަހު ޖަލުގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށްް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނުމާ ގުޅިގެން ޝޯޝަލް މީޑިއާާގައި އެތައް ބަޔަކު އެކަމަށް ފާޑުކިޔައި ގައިދީންގެ ހައްގުތައް ހޯދައި ދިނުމަށް ގޮވާލާ އެތައް ބަޔަކު ޝޯޝަލް މީޑިއާގައި އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.

މިގޮތުން ކެންދޫ ދާއިރާގެ މަޖްލިސް މެމްބަރު އަލީ ހުސެން ވިދާޅުވެފައިވަނީ، ޖިނާއީ އަދުލުުގެ ނިޒާމުގެވަރު ވަރުގަދަ ދަލުގައި ޖެހިފައި ތިބީ "ހުސްް ރިޖެކްޓު ކަންނެލި" ކަމަށް ޖަލު ބަލަހައްޓާ މީހުން ދެކޭހާ ހިނދަކު އަނިޔާކުރުން ނުހުއްޓޭނެ ކަމަށެވެ.

"އިންސާނީ ކަރާމަތަކީ ޖޯކެއް ނޫން" އަލީ ހުސެން ވިދާޅުވިއެވެ.

ޓްރާންސް ޕޭރަންސީ މޯލްޑިވިސްްގެ ހިއުމަން ރައިޓްސް ފޮރިޖެކްޓުގެ ސީނިއާ ޕްރޮޖެކްޓު ކޯޑިނޭޓާ އަހުމަދު ތޮލާލް ވިދާޅުވެފައިވަނީ، މި މައްސަލާގައި ހިއުމަން ރައިޓްްސް ކޮމިޝަން ފެއިލް ވެފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހު ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އެ ކޮމިޝަން ވަރަށް އެކްޓިވްވެފައިވީނަމަވެސް މިފަދަ އަމަލުތައް ހިނގަން މެދުވެރިވީ އެ ކޮމިޝަނުން ޖަލުގައި މީހުންމަރުވުމާ އަނިޔާ ކުރާ މައްސަލައަށް ކުރިން އަޅާނުލައި އޮތުމުން ކަމަށެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރަކަށް އަނިޔާވެފައިވާތީ ބުރާސް ފަތި ދުވަހު ވަނީ އިތުރު ފަރުފާއަށް އޭނާ މާލެ ގެނެސްފައެވެ. ނަމަވެސް، ގައިދީއަކަށްވެސްް ޖަލުގައި ރޭ ހިނގި ހަމަނުޖެހުމެއްގައި އަނިޔާވެފައިވާކަމަށް ސޯޝަލް މީޑިއާގައި އަންނަނީ ހަބަރު ފެތުރެމުންނެވެ. މިކަމާ ގުޅިގެން ކަރެކްޝަންގެ ބަހެއް އަދި ނުލިބެއެވެ.

ޖަލުގައި ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަރެކްޝަނަލް ސާވިސްއާއި ހޯމް މިނިސްޓްރީގެ އޮފިޝަލުން މިއަދު ވަނީ މާފުށީ ޖަލަށް ޒިޔާރަތްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމި ސަލާމަތާއި ހާރިޖީި ގުޅުންތަކުގެ ކޮމެޓީގެ ބައްްދަލުވުމެއް ވަނީ ފަށާފައެވެ.

އަދި ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތައް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީންވަނީ ކުށްވެރިކޮށްފަައެވެ.

ކިޔުންތެރިންގެ ހިޔާލު