ޔާމިން މަރާލައި ރިލްވާން ގެއްލުވާލި މައްސަލާގައި ދައުވާކުރަން ފޮނުވަނީ

ގެއްލުވާލާފައިވާ ނޫސްވެރިއާ އަހުމަދު ރިލްވާންްއާއި އަނިޔަވެރިގޮތަކަށް ހަމަލާދީ މަރާލި ބްލޮގާ ޔާމިން ރަޝީދުގެ މައްސަލައިގެ ތަހުގީގު ނިންމައި އަންނަމަހު އެ މައްްސަލަތަކުގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދާއި، ގެއްލުއްވާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރަމުންދާ ތަހުގީގު ނިމުމަކާއި ހަމައަށް އައިސްފައިވާކަމަށްވެސް އެ ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

ހުސްނުއްސޫދު މިއަދު ވިދާޅުވީ، ކޮމިޝަންތަކަށް ބާރު ލިބދޭ ބިލް ފާސްކުރުމާއި ހަމައަށްވެސް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށާ ގިނަ މައްސަލަތަކުގައި ބޮޑެތި ކުރިއެރުންތަކެއްވެސް ލިބިފައިވާކަމަށެވެ.

"ރިޔާސީ ކޮމިޝަނަށް ބާރުތައް ލިބިދޭ ބިލް ފާސްކޮށްފައިވަނީ ބައެއް ބާރުތައް ބިލުން އުނިކުރުމަށްފަހުނަމަވެސް، އެ ބިލް ފާސްވެގެންދިއުމަކީ އުފާކުރައްވާކަމެއް. އަދި ބިލް ފާސްވެ، ރައީސް ތަސްދީގުކުރެއްވުމުން މިހާރު އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް އަވަސްވެެގެންދާނެ."

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ މި ހަފްތާގައި ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު