ސުޕްރީމް ކޯޓުގެ އިންތިހާބީ ގައިޑްލައިން އުވާލަންޖެހޭ: ޓީއެމް

އިންތިހާބުތައް ބޭއްވުމުގެ ކުރިން އަމަލުކުރަންޖެހޭ 16 ޕޮއިންޓުގެ ގައިޑްލައިން އުވާލުން މުހިންމުކަމަށް ޓްރާންސް ޕޭރަސްނީ މޯލްޑިވިސް, ޓީއެމް އިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން އެކުލަވާލާ ރިޕޯޓުގައި ހިމެނުމަށް ނިންމައިފިއެވެ.

މި ރިޕޯޓު އެކުލަވަލާފައިވަނީ ހަތަރު ބައެއްގެ މައްޗަށް ބަހާލައިގެންނެވެ. އެއީ އިންތިހާބު ކުރިއަށް ދިޔައިރު ސިޔާސީ މާހައުލު އޮތްގޮތާ، އިދާރީ ކަންކަން އޮތް ގޮތާ، އިންތިހާބީ މާހައުލު އޮތް ގޮތާއި، އަދި އިންތިހާބުގެ ދުވަހު ކަންތައްތައް ކުރިއަށް ދިޔަގޮތަށެވެ. އެ ރިޕޯޓު އާންމު ކުރުމުގެ ކުރިން މިއަދު ވަނީ ސެމިނާއެއް ބާއްވައި ރިޕޯޓުގައި ހިމެނިދާނެ ކަންކަމާމެދު ކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކާ، ޖަމިއްްޔާތަކާއިއެކު މަޝްވަރާކޮށްފައެވެ.

ޓީއެމް ގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓާ އިބްރާހިމް ތައްޔިބް މިއަދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ފެށިގެން ދެމިިއޮންނަ އެއްޗެއްގެ ގޮތުގައި ސުޕްރީމްކޯޓުގެ 16 ޕޮއިންޓުގެ ގައިޑްލައިން އޮންނަައިރު އޭގެ ސަބަބުން އިންތިހާބަށް ސިޔާސީ ނުފޫޒު ފޯރުވަން މަގުފަހިވާކަމަށެވެ.

"އަޅުގަނޑުމެންގެ ހުށަހެޅުމަކީ އިންތިހާބީ ކަންކަން ކުރިއަށްގެންދަންވާނީ ދިވެހިރާއްޖޭގެ ގާނޫނާ ގާނޫނު އަސާސީއާ އިންތިހާބާ ގުޅޭ ގާނޫނީ އޮނިގަނޑުގެ މައްޗަށް ބިނާކޮށޭ. އެހެންވީމަ ސުޕްރީމް ކޯޓުގެ 16 ނުކުތާގެ ގައިޑްލައިންއަކީ އުނިކުރަންޖޭ ނުވަތަ އިންތިހާބަށް އޭގެ ސަބަބުން ސިޔާސީ ނުފޫޒުވެސް ފޯރުވަން މަގުފަހިވާ ވަސީލަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަވަނީ،" ތައްޔިބް ވިދާޅުވިއެވެ.

އިންތިހާބާއި ގާތްވެފައި ވަނިކޮށް ވޯޓުކަރުދާހުގަ ރަނގަޅުފާގައިގެ އިތުރުން އިތުރު ފާހަގައެއް ޖަހާފިނަމަ އެ ވޯޓު ކަރުދާހެއް ބާތިލް ވާނެގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ސަބަބުން ވޯޓުލާ މީހުންނަށް އޮޅުންއަރާގޮތަށް ކަންކަން ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކީ މި ގެނައި ގާނޫނީ ބަދަލަކީ ޖުމްލަގޮތެއްގަ ރަނގަޅު ބަދަލެއް. އެހެން ނަމަވެސް އެ ބަދަލު ގެނެވުނު ވަގުތަކީ އޭގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވިކަމެއް. މާނައަކީ އިންތިހާބާ ކައިރިވެފައވަނިކޮށް އާންމުންވެސް އޭގެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނީ ބަދަލަކަށްވާތީ އެއާ ގުޅިގެން ޢަންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވި،" ތައްުޔިބް ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން ވެސް ކެމްޕޭނު ކުރި ދުވަސްވަރު ޖަގަހަތަކަށް ގެއްލުން ދިނުންފަދަ ކަންކަމާއި، ވޯޓު ގަތުމާއި އިންތިހާބީ ރިސްވަތުގެ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށްވެސް އެ ރިޕޯޓުގައި ހިމެނުމަށްވަނީ ނިންމަފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަނަށް އެކަށީގެންވާ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަސްމީ ދަފްތަރެއް ނެތުމުން އެކަމުގެ ދަތިކަން އިންތިހާބުތަކަށް ފޯރާކަމަށް ވެސް ޓީއެމް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު