ދިވެހި ސަފީރުންގެ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖެއިން ދުނިޔޭގެ އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ ބައްދަލުވުން މާލޭގައި ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު 3 ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއެވެ.

ސަފީރުންގެ ބައްދަލުވުން އިފްތިތާޙްކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިމިގެން ދިޔަ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް ކާމިޔާބުކަމާއިއެކު ނިންމާލެވުނުކަމަށްޓަކައި ސަފީރުންނަށާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މުވައްޒަފުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގެ ދެވަނަ ދަންފަޅީގައި ސަފީރުން ވަނީ އެމްބަސީތައް ހިންގުމުގައި ހުރި ދަތިތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލުބަދަލުކުރައްވާފައެވެ. މި ދަންފަޅީގައި އާސަންދަ ކުންފުނިން ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭ ގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑުން ސަފީރުންނަށް މައުލޫމާތު ފޯރުކޮށްދިނެވެ.

އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރު ޤައުމުތަކަށް އިޝްތިހާރުކުރުމާއި ބެހޭ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުންވެސް ޕްރެޒެންޓޭޝަނެއް ވަނީ ދީފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޛ ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވަނީ ސަފީރުންނާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާއާއި މާލީ ދާއިރާއާއި ބެހޭ ގޮތުންނާއި ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމާއި ބެހޭ މައުލޫމާތު ސަފީރުންނަށް ދެއްވާފައެވެ. އަދި ޖިނާޢީ ކަންކަމާއި ބެހޭ ގޮތުން ސަފީރުންގެ ސުވާލުތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އޛ އައިޝަތު ބިޝާމް ވަނީ ޖަވާބު ދެއްވާފައެވެ.

ސަފީރުންގެ ބައްދަލުވުން ނިންމާލާފައިވަނީ އެކި ޤައުމުތަކުގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީތަކަށް ދިމާވާ އެކި ގޮންޖެހުންތަކާއި، އެގޮންޖެހުންތަކުން އަރައިގަތުމުގެ ޙައްލުތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު