ފަނޑިޔާރު ޢަބްދުﷲ ދީދީގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ބާއްވަނީ

ސުލޫކީ މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން ޖުޑީޝަލް ސަރވިސްކޮމިޝަން (ޖޭއެސްސީ)އިން ކުރިއަށްގެންދާ  އޭނާގެ ތަހުގީގު މާދަމާ ހެނދުނު ދަރުބާރުގޭގައި ޢާންމުކޮށް ހުޅުވާލައިގެން ފަށާ ގޮތަށް ޖޭއެސްސީން މިއަދު ނިންމައިފި އެވެ.

މިގޮތަށް އެ ކޮމިޝަނުން ނިންމާފައިވަނީ ފަނޑިޔާރު ދީދީ އެކަމަށް އެދިވަޑައިގެންފައިވާތީ އޭނާ އެދިވަޑައިގެންނެވި ގޮތަށް އެކަން ކުރުމަށްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީއެވެ. މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވަން އަބްދުﷲ ދީދީ އެއްމިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

އަބްދުﷲ ދީދީ ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޙައްގު ނޫން ފައިސާއެއް އޭނާއާއި ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރިކުރުމަށް ޢަމަލުކުރުމަށް އަންގައި އަދި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައި މިމަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. މިއާއެކު ޖޭއެސްސީގެ ނިންމެވުމަށް ގޮންޖައްސަވައި ފަނޑިޔާރު ދީދީ މަސައްކަތަށް ނުކުންނެވި މައްސަލަވެސް ޖޭއެސްސީންދަނީ ބަލަމުންނެވެ.

ދީދީގެ މައްސަލަ ބެލުމަށް ޖޭއެސްސީންވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު