ޓެރަރިޒަމްް ހުއްޓުވައި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން އީޔޫން އެހީވަނީ

ޓެރަރިޒަމްް ހުއްޓުވައި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ޔޫރަޕިއަން ޔޫނިއަން، އީޔޫ އިން އެހީވާން ނިންމައިފިއެވެ.

މި މަސައްކަތްތަކަށްް އީޔޫން ވަނީ 38.55 މިލިއަން ރުފިޔާ ( 2.5 މިލިއަން ޑޮލަރު) ގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ނިންމާފައެވެ.

މިކަން އިއުލާނުކުރެއްވީ، މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް 2019 ގައި ވާހަކަ ދައްކަވަމުން،  އީޔޫ އިން ރާއްޖެއާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓުންގް ލައި މާގް އެވެ.

"ރާއްޖެއަށް މިއީ އުފާވެރި ދުވަހެއް. އެއީ ރާއްޖެއާއި އީޔޫގެ ގުޅުން ރަނގަޅުވާ ދުވަސް. މިކަމަކީ ރައީސް ޞާލިހްގެ ސަރުކާރުގެ ހެޔޮ ފިޔަވަޅުތަކުގެ ނަތީޖާ. މި ސަބަބައްޓަކައި ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ޓެރަރިޒަމްއާއި ދެކޮޅަށް ކުރާ މަސައްކަތްކަށް 2.5 މިލިއަން ޑޮލަރުގެ އެހީ އަޅުގަނޑުމެން މިވަނީ ނިންމާފައި." ސަފީރު  ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ދެކޮޅަށްް ދަތިކުރުމުގެ ފިޔަވަޅު ނޭޅުމަށްވެސް އިއްޔެ އީޔޫ އިން ވަނީ ނިންމާފައެވެ. އީޔޫ އިން އެގޮތަށް ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތްފަހުން ދިވެހިރާއްޖޭގެ ހާލަތު ރަނގަޅުވެފައިވާތީ ކަަމަށް ވެސް އެ އިއްތިހާދުން  ބުނެއެވެ.

ޔޫރަޕިއަން އިންވެސްޓަމްންޓް ބޭންކް (އީއައިބީ) އިން  ދިވެހިރާއްޖެއަށް 663 މިލިއަން ރުފިޔާ (45 މިލިއަން ޑޮލަރު) ގެ ލޯނެއް ދޭނެކަމަށް ވެސް އިއްޔެ ވަނީ ބުނެފައެވެ.

މި ލޯނު ދިނުަމަށް ނިންމާފައިވާކަން އިއުލާނު ކުރެއްވީ ވެސް އިއްޔެ އީޔޫގެ ސަފީރު ޓުންގް ލައި މާގް އެވެ.

ކިޔުންތެރިންގެ ހިޔާލު