ނުވަ ހާސް ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ވެރިރަށް މާލެއާއި ރާއްޖޭގެ  ދެކުނުގެ ސަރަހައްދުގައި 9،200 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެއް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވާކަން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝަމިން ރޭ ވިދާޅުވެފައިވަނީ މި ޕްރޮޖެޓުތައް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީޔޫ މެދުވެރިކޮށް ކަމަށެވެ. އެފްޑީޔޫ ކުންފުންޏަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫތައް ކުރިއަށް ގެންދިއުމަށް ސަރުކާރުންް އުފައްދާފައިވާ އައު ކުންފުންޏެކެވެ.

ހައުސިން ޔުނިޓުތައް އެޅުމަށް ނިންމާފައިވަނީ މާލެ ސަރަހައްދުގައި 4،200 ހައުސިން ޔުނިޓާއި،  ރާއްޖޭގެ ދެކުނުގައި 5،000 ހައުސިން ޔުނިޓެވެ.

މި ހައުސިން ޔުނިޓުތަކުގެ މާލީ މައުލޫމާތުު އަދި އަމިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެމްޑީޕީން މަޖިލީހުގެ ކެމްޕޭނަށް އެކުލަވާލީ 'އެޖެންޑާ 19' މެނިފެސްޓޯގައި ރާއްޖެއަށް 40،000  ބޯހިޔާވަހިކަން ބޭނުންވާކަމަށް ބުނެފައިވެއެވެ.

ސަރުކާރުގެ ހައުސިން ޕްރޮޖެކްޓުތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފަށާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މިގޮތުން ސަރުކާރުން ވަނީ ބޯހިޔާވަހިކަމަށް ރެޖިސްޓާ ވުމަށް "މަގޭ ހިޔާވެހި" ނަމުގައި ޕޯޓަލެއް ވެސް ތައާރަފުކޮށްފައެވެ. މި ޕޯޓަލުގައި ރެޖިސްޓާވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދަން ފަސޭހަތަކެއް ލިބިގެންްދާނެކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު