އިންސާފް ގާއިމްވެއްޖެކަމުގެ އިހްސާސް ކުރެވޭނެ ގޮތް ބަންޑާރަ ނައިބު ކިޔައިދެއްވައިފި

ސުޕްރީމް ކޯޓުވެސް އިންޞާފުގެ މަގުން ހިނގައިގެން މެނުވީ އިންސާފް ގާއިމްވެއްޖެކަމުގެ އިހްސާސް ނުކުރެވޭނެކަމަށް އެޓާނީޖެނެރަލް އިބްރާހިމް ރިއްފަތު ކިޔައިދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ތިންބާރުގެ މަސްރަހާއި ގުޅޭގޮތުން މިރޭ ކުރެއްވި ޓްވީޓެއްގައި ރިއްފަތު ވިދާޅުވީ، ގާނޫނުއަސާސީގައިވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށްބަޔާންކޮށްދީފައިވާކަމަށެވެ.

" ޢަދުލުއިންޞާފުގެ ބާރު/ސުޕްރީމް ކޯޓުވެސް ހިނގަންވާނީ އިންޞާފުގެ މަގުން. ޤާނޫނުއަސާސީގައިވާ ގޮތަށް ފަނޑިޔާރުން ޖަވާބުދާރީކޮށް، ފާރަވެރިވެގެން މެނުވީ އިންޞާފު ޤާއިމުވެއްޖެކަމުގެ އިޚްސާސެއް ނުކުރެވޭނެ" ރިއްފަތުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ސުޕްރީމްކޯޓާއި ރައްޔިތުންގެ މަޖިލީހާއި ދެމެދު ވަނީ ވަރަށް ބޮޑަށް ހޫނު އަރައިރުމެއް އުފެދިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއްގައި ޖޭއެސްސީން ސުޕްްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީފީ ސަސްޕެންޑު ކުރުމުންނެވެ.

ފަނޑިޔާރު ސަސްްޕެންޑު ކުރުމުން ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަބްދުﷲ ދީދީގެ މައްޗަށް ފިޔަވަޅު ނޭޅުމަށް އަމުރުކޮށްފައެވެ. އެހެން ނަމަވެސް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުިން އެހެން ނިންމި ނަމަވެސް، އެ ކޮމިޝަނުގެ ނިންމުން ދެމި އޮންނާނެކަމަށް ނިންމާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ވަނީ ޖޭއެސްސީގެ ނިންްމުމަށް ބާރުލިބޭ ގޮތަށް ރިޕޯޓެއް ތައްޔާރުކޮށް ފާސް ކުރުމަށްް ރައްޔިތުންގެ މަޖިލީހަށް ތަޅުމަށް ފޮނުވާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން އަނެއްކާވެސްް ވަނީ މިއަދު އައު އަމުރެއް ނެރި ދައުލަތުގެ އެއްވެސް އިދާރާއަކުން ފަނޑިޔާރު އަބްދުﷲ ދީދީއާއި މެދު ފިޔަވަޅެއް އަޅަން ނިންމި ނަމަވެސް އެއީ ބާތިލު ނިންމުމަކަށް ވާނެކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު