ޖުޑީޝަރީ ކޮމެޓީއަށް ވެސް ސުޕްރީމް ކޯޓުން ގޮން ޖަހައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ނިންމީ ގާނޫނާ އެއްގޮތަކަށްކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީީން ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނިކޮށް އަނެއްކާވެސް ސުޕްރީމް ކޯޓުން އެކަމަށް ހުރަސް އެޅޭގޮތަށް އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއްކަމަށް އެ ސުޕްރީމް ކޯޓުން ނިންމާ އަމުރުކުރާ ކަމަށެވެ.

ޖޭއެސްސީ އިން ނިންމި ނިންމުން ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސް ކުރީ ރޭ ބޭއްވި ބައްދަލުވުމުގައެވެ.

މިއީ އެ ކޮމެޓީން މިމަހު 13 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ ގެ މެމްބަރުން އެ ކޮމެޓީއަށް ހާޒިކޮށް، އެކުލަވާލި ރިޕޯޓެކެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ސިޓީ ފަދަ ތަކެތި ފޮނުވައިގެން ފަނޑިޔާރުންގެ އެޕްރައިޒަލްވެސް ހުއްޓުވާލާފައިވާކަމަށެވެ.

"ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމްކޯޓުން ހުރަސްތަކެއް ކުރިމަތި ކުރައްވާކަން. ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރައްވާކަން. ގާނޫނު އަސާސީއާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްތުގެ އިހްތިސޯސްގެ ތެރެއަށް ސުޕްރީމްކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަން،" އެ ރިޕޯޓުގަައި ފާހަގަކޮށްފައި ބައެއް ކަންްތައްތަކުގެ ތެރޭގައި ހިމެނެއެވެ. ރިޕޯޓު ފާސް ކުރުމުގެ ކުރިން ވިދާޅުވެ ދެއްވީ ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔަޒް ފަހުމީއެވެ.

ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑު ކުރުމާމެދު ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމާއި އެ ނިންމުމަށް އަމަލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސަސާއަކަށް އެންގާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު