"ޕީޕީއެމްއަށް ވީގޮތުން، ސަޕޯޓަރުން އެދެނީ އެމްއާރުއެމް މައުމޫނުގެ ގާތް ބޭފުޅަށް ދޭން"

މޯލްޑިވިސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އުފައްދަން ޔުމްނާ މައުމޫނު ގެ ނަންފުޅުގައި ހުއްދަނެގީ، ޕީޕީއެމްގެ ތަޖުރިބާއަށް ބަލައި ރައީސް މައުމޫނާއި ގާތް ބޭފުޅަކު އެ ޕާޓީ އުފެއްދުމަށް ސަޕޯޓަރުން އެދޭތީކަމަށް އެމްއާރުއެމް އުފެއްދުމުގައި އިސްކޮޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވެއްޖެއެވެ.

އެމްެއާރުއެމްގެ އައު ހުއްދައެއް މިހާރު ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫންގެ ނަމުގައި ނަންގަވާފައެވެ. ކުރިން އެ ހުއްދަ ނެގީ މިހާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންގެ ނަމުގައެވެ. މިހާރު އެ ހުއްދަ ނަގާފައިވާ ޔުމްނާ މައުމޫނަކީ ރައީސް މައުމޫނުގެ ދަރިކަނބަލުންްނެވެ.

އެމްއާރުއެމް އުފެއްދުމަށް ކުރިން ހުއްދަ ނެގި ނަމަވެސް ޕާޓީ ރެޖިސްޓާ ކުރުމަށް ބޭނުންވާ ތިންހާސް މެމްބަރުން ހަމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަލުން ޔުމްނާ މައުމޫނުގެ ނަމުގައި ހުއްދަ ނެގިފަހުން މެމްބަރުން ހަމަކުރުމަށް ރައީސް މައުމޫނުގެ ސަޕޯޓަރުން ވަނީ މަސައްކަތް ފާށާފައެވެ. އަދި އެކަމަށް ދަތުރުތަކެއް ވެސް ކުރާނެއެވެ.

"ރައީސް މައުމޫނުގެ ބައެއް ސަޕޯޓަރުން އެދެނީ ރައީސް މައުމޫނާއި ގާތް ބޭފުޅެއް އެމްއާރުއެމް އުފައްދަން. އެއީ ޕީޕީއެމްއަށް ވެސްް ވީގޮތުން،" އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް ހަތަކާތްތެރިވާ ބޭފުޅަކު ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް، ޕީޕީއެމް އުފެއްދެވުމުގެ ބާނީއަކީވެސް ރައީސް މައުމޫނެވެ. ނަމަވެސް ދެ ޕާޓީވެސް ރައީސް މައުމޫނަށް ބީވެގެން ދިޔައީ އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު