ޖޭއެސްސީން ގާނޫނާ ހިލާފުވާކަމަށް ބުނެ ފަނޑިޔާރުން ސައްލާ ކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަނުން ގާނޫނާ ހިލާފަށް އަމަލުކުރަމުން ދާކަމަށްބުނެ ޖުޑީޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

ޖުޑީޝިއަލް ކައުންސިލްގައި ޖުމްލަ 14 ބޭފުޅަކު ތިއްބަވައެވެ. އެ ބޭފުޅުންނަކީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންނާއި، މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ދެ މެޖިސްޓްރޭޓެކެވެ.

"މިރޭ ބާއްވަމުންގެންދާ އެ ބައްދަލުވުމަކީ ގާނޫނު އަސާސީ އާއި ގާނޫނޫން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ލިބިފައިވާ އިހްތިސާސްގެ، ބޭރުން، އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރުގެ އިހްތިސާސް އަށް ހުރަސްއެޅުމަށް އެ ކޮމިޝަނުން ކުރަައްވަމުން ގެންދަވާ އަމަލުތަކައި ގުޅިގެން ބާއްވަމުންދާ ބައްދަލުވުމެއް" މިރޭގެ ބައްދަލުވުމާ ގުޅޭގޮތުން ޖުޑީޝަލްއެޑް މިނިސްޓްރޭޝަނުން ބުނެފައިވެއެވެ.

ޖުޑީޝަލް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފެމިލީ ކޯޓުގެ އިސް ގާޒީ އާއި ހައިކޯޓުގެ އިސް ފަނޑިޔާރު މިވަގުތު ތިއްބެވީ ޖޭއެސްސީން ގާނޫނާއި ހިލާފަށް ސަސްޕެންޑުކޮށްފައެވެ.

އިއްޖެ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ ވެސް ސަސްޕެންޑުކޮށްފައެވެ. ނަމަވެސް ސުޕްރީމްކޯޓުން މިއަދު ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ޖުޑީޝަރީގެ އިސް މަގާމުތަކުގައި ތިއްބެވި ދެ ބޭފުޅަކު ސަސްޕެންޑުކޮށްފައިވަނީ އެ ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުން ޖޭއެއްސީއަށް ކަނޑައަޅާފައިވާ މެމްބަރު ހިސާން ހުސެން ގުޅިވަޑައިގަތްފަހުންނެވެ.

ޖުޑީޝަލް ކައުންސިލް އަކީ ކޮބާ؟

ތޭރަ ފަނޑިޔާރުން ހިމެނޭ ގޮތަށް ޖުޑީޝަލް ކައުންސިލެއް ސްޕްރީމް ކޯޓުން އުފައްދާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ.
.
ސްޕްރީމް ކޯޓުން އެކުލަވާލި ޖުޑިޝަލް ކައުންސިލްގައި ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރަށް ހައިކޯޓުގެ އިސް ފަނޑިޔާރާއި ކޮންމެ ކޯޓަކުން ފަނޑިޔާރެއްގެ އިތުރަށް މެޖިސްޓްރޭޓް ކޯޓުތަކުން ހޮވާ ދެ ފަނޑިޔާރެކެވެ.

ސްޕްރީމް ކޯތުން ބުނީ ޖުޑީޝަލް ކައުންސިލެއް އެކުލަވާލީ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރު ހިންގުން އޭގެ އެންމެ ފުރިހަމަގޮތުގައި އިންތިޒާމްކޮށް ހަރުދަނާކުރުމުގެ ގޮތުން އެކަށައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ފަނޑިޔާރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހިޔާލު ފާޅުކުރެވޭނެ ހަރުދަނާ ފޯރަމެއް ގާއިމުވެފައި އޮތުމަކީ ބޭނުންތެރިކަމެއްކަމަށް ފެނުމުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނީ ބެލެނިވެރިކަމުގެ މައްޗަށް ވިސްނާބެލުމަށްފަހު، ގާނޫނުއަސާސީގެ 07 ވަނަ މާއްދާ އާއި 141 ވަނަ މާއްދާގެ (ނ) އާއި 156 ވަނަ މާއްދާއަށް ރިޢާޔަތްކޮށް "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ކައުންސިލް" އުފެއްދީ ކަމަށް ސްޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ސުޕްރިމް ކޯޓުން ޖުޑިޝަލް ކައުންސިލެއް މިއަދު އުފެއްދި އިރު، ކޯޓްތަކާބެހޭ ގާނޫނު 2010 ގައި ފާސްކޮށް އަމަލުކުރަން ފެށިއިރު އެ ގާނޫނުންވެސް ވަނީ ޖުޑީޝަލް ކައުންސިލެއް އުފައްދާފައެވެ. ނަމަވެސް އެ ޖުޑީޝަލް ކައުންސިލް އާ ބެހޭ ގޮތުން ގާނޫނުގައި ހުރި ހުރިހާ މާއްދާއެއް ސުޕްރިމް ކޯޓުން އޭރުވަނީ ބާތިލުކޮށް އެ ކައުންސިލަށް ގާނޫނުން ދީފައިވާ ހުރިހާ ބާރެއް ސުޕްރިމްކޯޓުން އަމިއްލައަށް އެ ކޯޓަށް ޖަމާކޮށްފައެވެ. އޭރު އޮތް ޖުޑިޝަލް ކައުންސިލް ވެސް އެކުލެވިފައި އޮތީ މިއަދު އުފެއްދި ޖުޑިޝަލް ކައުންސިލް ވެސް އެކުލެވިިފައި އޮތްގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު