ފަނޑިޔާރު ދީދީގެ ސަސްޕެންޝަނަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމްކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި 02 ޖޫން 2009 ގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި، ޢާންމު ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހުށަހަޅާފައިވާ މައްސައެއްކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 08 ވަނަ މާއްދާ އާއި، 17 ވަނަ މާއްދާގެ (ހ) އާއި، 20 ވަނަ މާއްދާ އާއި، 42ވަނަ މާއްދާ އާއި، 43 ވަނަ މާއްދާގެ (ހ)، (ކ) އަދި (ނ) އާއި 51 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް އަދި ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ ދުސްތޫރީ މަޞްދަރުތަކާއި އުޞޫލުތަކުގެ ބޭރުން ޣައިރު ދުސްތޫރީ އިޖުރާއަތުތަކެއްގެދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށްވެސް އެއަމުރުގައި ވެއެވެ.

މިމައްސަލައަކީ އެ ހުށަހަޅާފައިވާ ގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ބަލައިގަނެ، އެކޮމިޝަނުން ބަލައި، އޭގެ މައްޗަށް ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި  ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ފަނޑިޔާރު ދީދީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވާކަމަށްވެސް ސުޕްރީމްކޯޓުގެ އަމުރުގައި ވެއެވެ. އަދި މިމައްސަލަ އާމެދު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ފަނޑިޔާރު ދީދީ އެދިވަޑަގެންފައިވާކަމަށްވެސް އެއަމުރުގައި ވެއެވެ.

އެހެންކަމުން މިމައްސަލާގައި ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި، މިބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު ނެރުމުގައި ޢަމަލުކުރަންޖެހޭ ދުސްތޫރީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ މައްޗަށާއި، މިމައްސަލާގެ ބާވަތަށް ބަލައި ވިސްނުމަށްފަހު ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ 12 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމިނިން ފަސްކުރުމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެ ކޮމިޝަނުން ކުރިއަށް ނުގެންދިއުމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބަޔާންކުރެވުނު

ނިންމުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ފަނޑިޔާރު އަބްދުﷲ ދީދީ އާނުކުޅެވޭނެ!
    ފެންވަރު އޮޅިގެން ނޫޅުއްވާ