ކާނާ ވިހަވުމުގެ ނުރައްކާ އަހަރަކު 600 މިލިއަން މީހުންނަށް ކުރިމަތިވޭ

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، ޖަރާސީމާއި ތަފާތު ކެމިކަލުން ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ނުރައްކާ އަހަރަކު 600 މިލިއަނަށް ވުރެ ގިނަމީހުން ތަހައްމަލުކުރާކަމަށް ހެލްތެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްްރީން ބުނީ އަހަރަކު ގާތްގަޑަކަށް 420،000 މީހުންގެ ފުރާނަ ގެއްލިގެންދާކަމަށެވެ. ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ތެރޭގައި އެންމެ އާދައިގެ ބޭރަށް ހިންގުމުން ފެށިގެން ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ހިމެނޭއިރު، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ އެފަދަ ބަލިން ރައްކާތެރިވެ އޭގެ ސަބަބުން ގެއްލިގެންދާ ފުރާނައިގެ އަދަދު އިންތިހާއަށް މަދުކުރެވޭނެއެވެ. އަދި މިއީ އާއްމު ޞިއްޙަތަށް ހުރި ގޮންޖެހުމެއްގެ އިތުރުން އިޤްތިޞާދަށްވެސް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރާކަމަށް ހެލްްތުން ބުނެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތައް މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަބްދުﷲ އަމީން މިއަދު ވަނީ އިފްތިތާހުކޮށްދދެއްވާފައެވެ. މިނިސްޓަރ އޮފް ހެލުތުގެ އިތުރުން އެމިނިސްޓްރީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއީ ކާބޯތަކެތީގެ ދުވަސް ދުނިޔޭގައި ވެސް ފާހަގަކުރާ ފުރަތަމަ އަހަރެވެ.

މިގޮތުން ކޮންމެ އަހަރެއްގެވެސް 7 ޖޫން އަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ކަމުގައި އ.ދ ގެ ޖެނެރަލް އެސަންބްލީން، 20 ޑިސެންބަރު 2018 ގައި ވަނީ ނިންމާފައެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކާބޯތަކެތީގެ ރައްކާތެރިކަން، އެންމެންގެ ކަމެއް" މި ސުރުޚީއެވެ. މިގޮތުން ދަނޑުން ސުފުރާއާއި ދެމެދުގައިވާ ހުރިހާ މަރުހަލާއެއްގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުން ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެންމެންގެ ޒިންމާއެއް ކަމަށް ދެކި މަސައްކަތްކުރުމަށް ވަނީ ގޮވަލާފައެވެ.

ދުވަހުގެ ޝިޢާރާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ތެރެއިން ކޮންމެ ފަރުދެއްވެސް އެފަރުދެއްގެ ހައިސިއްޔަތުން ކަބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވައުދު ވުމުގެ ހަރަކާތް ފެއްޓެވުމުގެ ގޮތުން މިނިސްޓަރ އޮފް ހެލްތު ވަނީ ކަބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރުމަށް ވައުދުވެ ވަޑައިގެންފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ މީސް މީޑިއާ ކެންޕޭން ހަރަކާތްތަކާއި، ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންދުމަށްވެސް ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު