ބިލު ފާސްވުމުން ކޮރަޕްޝަން ކޮމިޝަނުން މީޑިއާއަށް މައުލޫމާތު ދޭން ފަށާނެ

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވަ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވުމުން ރައީސް ސާލިހު އުފައްދަވާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން ކުރަމުން އަންނަ މަސައްކަތްތައް މީޑިއާއަށް ހާމަކުރަން ފަށައި، ކޮމިޝަނުގެ މަސައްކަތަތައް ހަލުވި ވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްްވެރިންނަށް މައުލޫމާތު ދެއްވަމުން ހޫދު ވިދާޅުވީ ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ރައީސް ސާލިހު އެދިލައްވާފައިވާކަމަށެވެ.

"އެހެން ނަމަވެސް ބިލު ފާސް ނުވެ އޮތުމުން މަސައްކަތްތަކަށް ދަތިތަކެއް ދިމާވި. ކޮމިޝަންގެ މަސައްކަތް ހިނގާލެއް ލަސް. ނަމަވެސް ބިލު ފާސް ވުމުންް ކޮމިޝަނުން ކުރާ މަސައްކަތްތައް މީޑިއާއަށް ހާމަކޮށް މަސައްކަތްތައް ހަލުވިވެގެންދާނެ،"

ކޮރަޕްޝަން ކޮމިޝަނުން މިހާތަނަށް އެ ކޮމިޝަނުގެ މަސައްކަތައް ކުރިއަށްދާގޮތުގެ މައުލޫމާތު މީޑިއާއަށް ހާމަކޮށްފައެއްް ނުވެއެވެ.

ރައީސް ސާލިހު އުފައްދަވާފައިވާ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ކޮމެޓީއަށް ފޮނުވާފައެވެ. ކުރީގެ 18 ވަނަ މަޖިލީހުން އެ ބިލު ފާސް ނުވި ނަމަވެސް، އަލަށް ފެށި 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައިވަނީ އެމްޑީޕީންނެވެ. މިހެންކަމުން މި ބިލު ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު