ބޯހިޔާވަހިކަމަށް ކުރަން އޮތް އިންތިޒާރު އަނެއްކާ ވެސްް އިތުރުވެއްޖެ

ބޯހިޔާވަހިކަމުގެ މަޝްރޫތައް ދެން އިއުލާނު ކުރާނީ މީގެ ތިން މަސް ދުވަސް ފަހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވުމާ ގުޅިގެން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ކުރަން އޮތް އިންތިޒާރު އަނެއްކާ ވެސް އިތުރުވެއްޖެއެވެ.

ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްްދުﷲ ޔާމިން ފެއްޓެވި "ހިޔާ" މަޝްރޫގެ ފްލެޓްތަކުގެ ލިއުން ހޯދުމަށް އެތައް ބަޔަކު ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ ތިއްބައެވެ. ރައީސް ސާލިހު ހުވާކުރެއްވިއިރުވެސް ބައެއް މީހުން ތިބީ ހަައުސިން މިނިސްޓްރީ ދޮށުގައި ފްލެޓް ލިބުނުކަމުގެ ލިޔުން ހޯދަންގޮހެވެ.

ކުރީގެ ސަރުކާރުގެ "ހިޔާ" މަޝްރޫގެ ދަށުން އަޅާ 7،000 ފުލެޓު މި ހިނގާ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ހިސާބު ލިބޭނެކަމަށް އެ ސަރުކާރުން ބުންޏެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ ފެންވަރު ދަށްކަމަށް ބުނެ އެ ފްލެޓްތަކުގެ ސްޓަކްޗާރ އަށް ބަދަލުގެނެސް ފްލެޓުތަކުގެ އަދަދު 3588 އަށް ބަދަލުކޮށްފައެވެ. އަދި މިހާރު ސަރުކާރުން ބުނަނީ "ހިޔާ" މަޝްރޫގެ ދަށުން ފްލެޓް ދޫކުރެވޭނީ އަންނަ އަހަރު ކަމަށެވެ.

ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީން 19 ވަނަ މަޖިލީހަށް ހުށަހެޅި "އެޖެންޑާ 19" ގެ އެއް ވައުދެވެ.

އެމްޑީޕީން ބުނެފައިވަނީ 40،000 ބޯހިޔާވަހިކަން އުފައްދަން ޖެހިފައިވާކަމަށެވެ.


ރައީސް ސާލިހު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު:

ޢާމްދަނީއެއް ނުލިބޭ، ބޯހިޔާވަހިކަން ނެތް އެންމެނަށް މިސަރުކާރުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އާޓިފިޝަލް ބީޗް ސަރަޙައްދުގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށް ގެންދާނީ ތިން ބަޔަކަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ބަޔަކީ ޢާމްދަނީ ނުލިބި ބޯހިޔާވަހިކަން ނެތް ހުރިހާ މީހުންނަށްވެސް ހިލޭ ބޯހިޔާވަހިކަން ސަރުކާރުން ފޯރުކޯށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. ދެވަނަ ބަޔަކީ ލިބޭ ޢާމްދަނީން ކުލި ދައްކައިގެން ދެކޮޅު ނުޖެއްސޭ ފަރާތްތަކަށް ސަރުކާރުން އެހީތެރިވެދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ބޯހިޔާވަހިކަމުގެ ތިންވަނަ ބައެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހަދައިދީ ލުއި ލޯން ލިބޭނެގޮތް ހެއްދަވުމެވެ. ރައީސް ވަނީ މި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ނެތް އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަމަށް ވަޢުދުވެޑައިގެންފައެވެ.

މި ސަރުކާރުން ހިންގާ ބޯހިޔާ ވަހިކަމުގެ ފުތަމަ މަޝްރޫޢުގައި ހިމެނޭ އެޕާޓްމަންޓުތަކުގައި ހިމެނޭނީ 950 އަކަފޫޓްގެ ތިން ކޮޓަރިކަމަށާ، އަދި އެތަނުގެ މަހު ކުލި ހަހާސް ރުފިޔާއަށްވުރެ މަތި ނުވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު