ކުދި ވިޔަފާރިތަކަށް ފަހިވާގޮތަށް ސަރުކާރުގެ ބިޑު ޕްރޮސެސް އިސްލާހުކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިވާގޮތަށް ސަރުކާރުގެ ބިޑު ޕްރޮސެސް އިސްލާހުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރާއިމ މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބިޑް ކުރުމަށް ހުޅުވާލެވޭއިރު އެ އިޢުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެގޮތަށް ގަވާއިދަށް މިހަރު ބަދަލުގެނެސްފައިވާކަމަށެވެ.

މި ބަދަލުގެނައީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފައިވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މަޖްލީހުން މަޝްވަރާ ކުރެއްވުމަށް ފަހުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ސިޔާސަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ޓެކްސްގެ ދާއިރާއިން ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހިމަނާފައިވެއެވެ. އެގޮތުން ކުޑައަގެއްގައި ޕީއޯއެސް ފޯރުކޮށްދިނުމާއި ތަމްރީނުދިނުން ފަދަ ކަންކަން މި ސިޔާސަތުގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާދެއްކުމަށް ބާރުއެޅޭގޮތަށް ކަންކަން ބައްޓަންކުރުމާއި މީހުން ތަމްރީނުކުރުން އަދި އެފަދަ ވިޔަފާރިތަކަށް ހިތްވަރުދިނުމުގެ ގޮތުން އެވޯޑްދިނުން ފަދަ ކަންކަން ތަޢާރަފް ކުރުން މި ސިޔާސަތުގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު