އަދީބު އެއް އަހަރު ދުވަހު އިންޑިއާގައި ހުރުމުގެ ހުއްދަ ދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިމިގްރޭޝަނުން ދީފައިވަނީ އެއް އަހަރު ދުވަހު އިންޑިއާއަށް ދަތުރުކުރުމުގެ ހުއްދަ ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ މިހާރު ކުރިއަށްް ދާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް އިމިގްރޭޝަން ގެ ވަގުތީ ޒިންމާދާރު ވެރިއާ ދެއްވި މައުލުމާތުންނެވެ.

"މީ ޕާސްޕޯޯޓެއް ނޫން، މިއީ އެއް އަހަރު ދުވަހަށް ދެވޭ ޓްރެވަލް ޑޮކިއުމަންޓެއް،" އިމިގެްރޭޝަންގެ ޒިންމާދާރުވެރިއާ ވިދާޅުވިއެވެ.

އަދީބު "ފިލާފާނެ" ކަމަށް ބެލެވޭތީ ގައުމި ސަލާމަތާ ބެހޭ ކޮމެޓީން މިއަދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންނާއި، އިމިގްރޭޝަނާއި ކަރެކްްޝަނަލް ސާވިސްގެ އިސް ވެރިން ހާޒިރުކޮށްް ސުވާލުކޮށްފައެވެ.

އަދީބު އިންޑިއާއަށް ދިއުމަށް އިމިގްރޭޝަނުން 1 އަހަރު ދުވަސް ދިން ނަމަވެސް، މިމަހު 14 ވަނަ ދުވަހު ފުރުމަށްފަހު އަދީބު އެނބުރި ރާާއްޖެއަށް މިމަހު 26 ވަނަ ދުވަހު އެނބުރި ވަޑައިގަންނަވާނެކަަމށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފުލުހުންނާއި ކަރެކްޝަންސްގެ އިސްވެރިންގެ އިތުރުން އިމްރާން ވެސް ވަނީ އަލުން އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ޔަގީން އަނބުރާ އަދީބު ރާއްޖެއަށް ގެނެވޭނެކަން،" އިމްރާން ވިދާޅުވިއެވެ.

އިމްރަން ވިދާޅުވީ އަދީބު ފިލައިފި ނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އޭނާކަމަށްވާނަމަ އެކަންވެސް ކުރައްވާނެކަމަށެވެ.

"އަދީބު ފިލައިފި ނަމަ އެކަން ވާނީ މުޅި ދިވެހި ސަރުކާރުގެ ފެއިލިއާއަކަށް،" އިމްރާން ވިދާޅުވިއެވެ.

އަދީބު އިންޑިއާއަށް ފޮނުވާއިރު، ފުލުހުންގެ ހަ އޮފިސަރުންނާ ކަރެކްޝަންގެ ހަ އޮފިސަރުންގެ އިތުރުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ފެންވަރުގެ ބޭފުޅެއްވެސް އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު