ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލު މަޖިލީހުން ބަލައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކުގެ ބިލު ބޮޑު އަގުލަބިއްޔަތަކުން މަޖިލީހަށް ބަލައިގެންފިއެވެ.

ބިލު ބަލާގަނެފައުވަނީ 79 މެމްބަރުންގެ ވޯޓުންނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މަމްބަރަކު ހުއްޓެވެ.

މި ބިލުން ރިޔާސީ ކޮމިޝަންތަކަށް ބޮޑެތި ބާރުތަކެއް ލިބެއެވެ. އެގެ ތެރޭގައި ތަންތަން ބަލައި ފާސްކުރުމާއި މުދާ ހިފެހެއްޓުމާއި، ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުމާއި، ކޯޓު އަމުރަށް އެދުމާ، ސަލާމަތީ ބާރުތަކާއި ދައުލަތުުގެ އެހެން މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.

މި ބިލަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެން ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެގެ ތެރޭގައި އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލިބިދޭ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ލިބިދެވޭ އިރު އެ ބާރުތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ކޮމިޝަންތަކަށް އިހުތިޔާރުތައް ދިނުން ހިމެނެއެވެ. އަދި ރިޔާސީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުވާލައްވާނަމަ އެ ކޮމިޝަންތަކުގެ މަސައްކަތްތައް ކަމާގުޅުން ހުރި މުއައްސަސާތަކަށް ބަދަލުކުރުން ހިމެނެއެވެ.

ރައީސްް އިބްރާހިމް މުހައްމަދު ސާލިހު ވަނީ މަރާލާފައިވާ މީހުންނާއި ގަދަކަމުން ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނަކާއި، ކަރަޕްޝަނާއި ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ އަލުން އަނބުރާ ހޯދުމަށް ވެސް ކޮމިޝަނެއް އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު