"ދަނޑު ހަލާކުކޮށްލިއަސް މެޗުން މޮޅެއް ނުވާނެ"

ހއ. ދިއްދޫ ކައުންސިލުން ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ހޯމަ ދުވަހުރޭ ކުޅުނު މެޗު ހޫނުވެ ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައި އެރަށުގެ ޓާފު ދަނޑުގައި އަޅާފައި އޮންނަ ކާޕެޓު ގަނޑުވެސް ނަގައި އެ ދަނޑަށްވެސް ވަނީ ގެއްލުން ދީފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ ތަފާތު ވާހަކަތައް ދައްކައި އެކަމަށް ޖޯކު ޖަހަމުންނެވެ.

މިގޮތުން އަދްލީ ކިޔާ މީހަކު ދިއްދޫގެ ޓާފު ދަނޑު ހަލާކުކޮށްލާ ވީޑިއާއަކާއެކު ބުނެފައިވަނީ "މިއީ ދަނޑު ހަލާކުކޮށްލިއަސް މޮޅު ނުވާނެކަން އެނގިގެން އިސްލާހުވާން މަސައްކަތް ކުރާ ވަގުތުކޮޅެއް،" ކަމަށެވެ.

ދިއްދޫއަށް ނިސްބަތްވާ ބައެއް މީހުން ވެސް އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. މިގޮތުން ދިއްދޫ އަށް ނިސްބަތްވާ ނޫސްވެރިއާ މޫސާ ލަތީފު ވިދާޅުވެފައިވަނީ މީގެ 12 އަހަރުކުރިން ދިއްދޫ މަޝްހޫރު ވެފައި އޮންނަނީ ސަރުކާރު އޮފީސްތަކަށް މަސްއަޅައި ކުނިކޮށްލި އޮފީހުގެ ގޮތުގައި ކަމަށެވެ.

"މިއަދު އާދައިގެ ފުޓްބޯޅާ މެޗެއް ހޫނުވެ ހަލާކުކޮށްލީ ދަނޑު. އުފަން ރަށްވީމަ ދެރަވެ ހިތާމަކުރަން،" ލަތީފް ވިދާޅުވިއެވެ.

މެޗުގެ މައްސަލަ ހޫނުވެ ދެ ޓީމާއި ސަޕޯޓަރުންގެ މެދުގައި ވަނީ މާރާމާރީ ހިންގާފައެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރީ އޮފިޝަލުންނާ، ސަޕޯޓަރުންނާއި ފުލުހުން ގުޅިގެނެވެ. މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެެއެވެ. ފުލުހުން ވަނީ މިކަމުގައި ދިއްދޫ ކައުންސިލްްގެ ލަފައަކަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު