އަދީބު ރާއްޖެއިން "ފުރާތީ" އެތައްބައެއްގެ ފާޑުކިއުން ސަރުކާރަށް!

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްޗަށް އަލް ޖަޒީރާއިން ގެނެސްދިން ސްޓީލިން ޕެރަޑައިސްގެ ޕޯސްޓަރެއް: —

ކުރީގެ ނައިބުރައީސް އަހުމަދު އަދީބު "ބޭސް ފަރުވާއަށް" ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދިނުމާގުޅިގެން އެތައް ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

މިގޮތުން ސޯޝަލް މީޑިއާގައި ހާއްސަކޮށް ޓްވިޓާ އަދި ފޭސް ބުކްގައި ގިނަ ބަޔަކު އަންނަނީ އަދީބައް ހުއްދަ ދިން މައްސަލާގައި ފާޑުކިޔަމުންނެވެ.

ޓްރާންސް ޕޭރަންސީ މޯލްޑިވިސް ގެ ކޮމިއުނިކޭޝަންސް އެންޑް އޮޑްވޮކަސީ މެނޭޖާރ އައިމަން ރަޝީދު ވިދާޅުވެފައިވަނީ އަދީބު ދިއުމަކީ ރާއްޖޭގެ "ދެފުއް ދެގޮތް" އިންސާފުގެ ސިސްްޓަމްގެ މިސާލެއް ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ އަދީބާއި ދިވެހިސަރުކާރާއި ދެމެދު "ޑީލެއް" ހެދިކަން ޔަގީންވާކަމަށެވެ.

އަދި ޔާމިން ރަޝީދުގެ ނޯޓުތައް އާންމުކުރާ ޓްވިޓާ އެކައުންޓަކުން ވަނީ 2015 ވަނަ އަހަރު ޔާމިން ރަޝީދު ކޮށްފައިވާ ބައެެއް ޓްވީޓުތައްވެސް އާންމުކޮށްފައެެވެ. އެގޮތުން އޭގައި ބުނެފައިވަނީ "ރިލްވާން ގެއްލުވާލުމުގައި އަދީބުގެ މީހުންގެ އަތެއް އޮވުން އެކަށީގެންވޭ. ތަހުގީގުކުރާނެ ހަރުދަނާ މުއައްސަސާއެއް ނެތި މިކަން ޔަގީނެއް ނުކުރެވޭނެ،" ކަމަށެވެ.

"ޖަސްްޓިސް ފޯ މޯލްޑިވިސް" ނަމުގައި އޮތް ޓްވިޓާ އެކައުންޓަކުން ބުނެފައިވަނީ އަދީބަށް އިތުބާރު ނުކުރެވޭނެކަން ރައީސް ނަޝީދަށް އެނގިލައްވާނެކަމަށެވެ.

"ރައީސް ނަޝީދު ގެއަށް ބަދަލުކުމަށްކަމަށް ބުނެ ދިވެހި ބިން ވިއްކޭ އިސްލާހު ގާނޫނު އަސާސީއަށް ގެންނަން ކުޅުނު ޑުރާމާ އެނގިލައްވާނެ. ރައީސް ސާލިހާއި އިމްރާނަށް އަދީބު ދުލެއް ނުކޮށްލެވޭނެ މެޑިކަލް ބޯޑުން ފާސްވިއޭކިޔާފައެެއް،" ޖަސްޓިސް ފޯ މޯލްޑިވިސް ކިޔާ ޓްވިޓާ އެކައުންޓުގައި ބުނެފައިވެއެވެ.

އައިޝާ ކިޔާ މީހަކު ބުނެފަައިވަނީ ރިޔާސީ ކޮމިޝަންތަކަށް މަޖިލީހުން ބާރުދޭއިރު "ކުށްވެރިން ގައުމަށް ބޭރަށްް ފުރައިގެން ދާ" ކަމަށެވެ.

ހާމިދު ޝަފީއު ކިޔާ މީހަކު ބުނެފައިވަނީ އަދީބާއި ޔާމިން ފަދަ "ކުށްވެރިނާ" މެދު އަމަލުކުރާނެ ސިޔާސަތުތަކެއް ދިވެހި  ސަރިުކާރުން ގެންގުޅެން ޖެހޭނެކަމަށެވެ .

"ދައުލަތުން ބިލިއަނުން ފައިސާ ދިރުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަންތަކަށް ބާރު ލިބުމުގެ ކުރިން ތުހުމަތުކުރެވޭ މީހުން ފުރުވާލުމުން ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅެނީ ޒީރޯ ޓްލަރެންސް ކަމަށް ނުބުނެވޭނެ."

އެއްބަޔަކު ފާޑުކީނަމަވެސް އަދީބުގެ ސަޕޯޓަރުން ގެންދަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ.

ރާއްޖެއިން ބޭރަށް ބޭސް ފަރުވާކުރަން ދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން މިއަދު ވަނީ އަދީބަށް ދީފައެވެ.

އެ ހުއްދަ ދިންކަން ކަރެކްޝަނުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ސާވިސް އިން ބުނަނީ ހުއްދަ ދިނީ މެޑިކަލް ބޯޑުން ހުއްދަ ދިނުމުންކަމަށެވެ.

ކުރީގެ ނައިބް ރައީސްގެ މައްޗައްކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތަންފީޒުކުރަމުން ދިޔަ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މީގެ ހަފްތާއެއް ކުރިން ވަނީ ބާތިލްކޮށްފައެވެ. އޭގެ ސަބަބުން އަދީބް ގެ މައްޗައް އިއްވާފައިވާ ހުރިހާ ޖަލު ހުކުމް ތަކުން އޭނާ ސަލާމަތްވެ ވަނީ މިނިވން ވެފައެވެ.

އެ ޙުކުމް ބާތިލް ކުރި ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން އަމުރު ކޮށްފައެވެ.

އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ދެ ޙުކުމެއް ކުރިން އޮތީ ބާތިިލް ކޮށްފައެވެ.

އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ލޯންޗުކޮޅު ގޮވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެހެން ނަމަވެސް އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު