ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އަދީބަށް ދީފި

ރާއްޖެއިން ބޭރަށް ބޭސް ފަރުވާކުރަން ދިއުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދީފިއެވެ.

އެ ހުއްދަ ދިންކަން ކަރެކްޝަންސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރީގެ ނައިބް ރައީސްގެ މައްޗައްކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތަންފީޒުކުރަމުން ދިޔަ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މީގެ ހަފްތާއެއް ކުރިން ވަނީ ބާތިލްކޮށްފައެވެ. އޭގެ ސަބަބުން އަދީބް ގެ މައްޗައް އިއްވާފައިވާ ހުރިހާ ޖަލު ހުކުމް ތަކުން އޭނާ ސަލާމަތްވެ ވަނީ މިނިވން ވެފައެވެ.

އެ ޙުކުމް ބާތިލް ކުރި ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން އަމުރު ކޮށްފައެވެ.

އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ދެ ޙުކުމެއް ކުރިން އޮތީ ބާތިިލް ކޮށްފައެވެ.

އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ލޯންޗުކޮޅު ގޮވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެހެން ނަމަވެސް އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު