އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފުރަމާނަ ޖާފަތެއް ދެއްވައިފި

ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިރޭ ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ. މި ފުރަމާނަ ޖާފަތް އޮތީ މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

މިރޭގެ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ އިންޑިއާގެ ގުޅުމުގެ ދިގުމާޒީއަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެޤައުމުގެ ޞިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ތަޢުލީމީ ދާއިރާފަދަ އެތައް ދާއިރާއަކުން ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ދެޤައުމުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް މިއަދު ވަނީ ބާއްވަވާފައެވެ. މީގެއިތުރުން ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ދެ ޤައުމުގެ ސަރުކާރުގެ، ގުޅިފައިވާ ރަސްމީ ބަޔާނެއް ވެސް، އިންޑިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވެއެވެ.

އިންޑިއާގެ ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނަށް ދިވެހި ސަރުކާރުން ވަނީ "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)"ގެ ޝަރަފު އަރުވާފައެވެ.

ކުރުނބާ ވިލެޖް ރިޒޯޓުގައި މިރޭ ބޭއްވެވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ޖާފަތުގައި ދައުލަތުގެ ވަޒީރުންނާއި، ރާއްޖެއާ އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު