ދިވެހިރާއްޖޭގެ ތަރައްޤީއާއި ގުޅޭ ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރުން ނިންމަވައިފި

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ދިވެހިރާއްޖޭގެ ތަރައްޤީއާއި ގުޅޭ ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރުން ނިންމަވައިފިއެވެ.

އެކިދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކާއި އިފުތިތާޙު ކުރެވުނު މަޝްރޫޢު ތަކުގެ ތެރޭގައި ދެ ޤައުމުގެ މިގުޅުން ރަމްޒުކޮށްދޭ ދެ މަޝްރޫޢުކަމުގައިވާ އެމް.އެންޑީ.އެފްގެ "ކޮމްޕޮސިޓް ޓްރޭނިންގ ފެސިލިޓީ" އަދި "ކޯސްޓަލް ސަރވެއިލެންސް ރާޑަރ ސިސްޓަމް" އިފްތިތާޙްކުރެއްވުން ހިމެނެއެވެ. މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ދެމަޝްރޫޢު އިފުތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ދެސަރުކަރުގެ ދެމެދުގައި މިއަދު ބަދަލު ކުރެވުނު އެއްބަސްވުން ތަކުގެ ތެރޭގައި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރުމަތިކޮށް ތަމްރީނުދިނުމާ ބެހޭ ގޮތުން އެކުލަވާލެވިފައިވާ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން މޯލްޑިވްސް ސިވިލް ސަރވިސް އެންޑް ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް، ޑިޕާޓްމަންޓް އޮފް ޕަބްލިކް ރިފޯމްސް އެންޑް ގްރިވެންސަސް، އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" ގެ ނަމުގައި ވެވުނު އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންނަށް ހުރިހާ ޚަރަދަކާއެކު ތަފާތު ދާއިރާތަކުން ތަމްރީނުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ބަދަލު ކުރެވުނު އެއްބަސްވުން ތަކުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ. "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ ބިޓްވީން ދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެންޑް ދަ ސެންޓްރަލް ބޯޑަރ އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް، އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ" ގެ ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން ކުރިއަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ވިޔަފާރީގެ ނަފާ ލިބޭނެ މަގުފަހިވެގެން ދިމުގެ އިތުރުން އެންމެ ހަރުދަނާ ބައިނަލްއަޤްވާމީ ފެންވަރެއްގައި ކަސްޓަމްސްގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ބަދަލުކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުން ކަސްޓަމްސްގެ މުވައްޒަފުންނަށްގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މީގެއިތުރުން އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުށި ނުވަތަ އެއްބަސްވެވޭ ރާއްޖޭގެ ބަނދަރަކަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާބެހޭ އެއްބަސްވުމެއްވެސް މިއަދު ބަދަލު ކުރެވުނު އެއްބަސްވުން ތަކުގެ ތެރޭގައި ހިމެނެއެވެ. "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފެރީ ސަރވިސް ބިޓްވީން އިންޑިއަން އެންޑް މޯލްޑިވްސް ގަވަރމަންޓްސް" ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާއި ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ މަގު ފަހިވެގެން ދިއުމާއި އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގު ވެސް ފަހިވެގެންދާނެއެވެ.

މިއަދު ދެޤައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއާއި އިންޑިއާގެ ޞިއްޙީ ދާއިރާއާއި ދެމެދު ވެވުނު އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށް ދިނުން ހިމެނެއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާގެ ދިރާސާތައް ކުރުމާއި އެ ދާއިރާއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނިފައި ވެއެވެ.

މިއަދު ބަދަލު ކުރެވުނު އަނެއް އެއްބަސްވުމަކީ ދެޤައުމުގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް އެއްބާރުލުން އިތުރުކުރުމާ ބެހޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން އިންޑިއަން ނޭވީ އެންޑް ދަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އޮން ވައިޓް ޝިޕިންގ" ގެ ނަމުގައި ބަދަލުކުރެވުނު އެއްބަސްވުމެވެ.

އެއްބަސްވުންތައް ބަދަލުކުރެއްވުމުގެ މި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު