އިންޑިއާގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ‏މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މާލެއަށް ފައިބައިވަޑައިގަތުމާއެކު، ރަސްމީ ފާލަމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެއަށްފަހު، އެބޭފުޅުން ވަނީ ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ޘަޤާފީ އައިޓަމެއް ބައްލަވައިލައްވައިފައެވެ. މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި އިންޑިއާއާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު