ދެ ނަމާދު ދޭތެރޭ ނެރުން ނަހީކުރައްވާފައިވަނީ ކުޑަކުދިންނާއި ޖަނަވާރުން

އަންނަ ހޮނިހިރު ދުވަހުގެ ރޭ  "ދެ ނަމާދު ދޭތެރޭގައި" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމުމާއެކު ބައެއް މީހުން އަންނަނީ އެކަމަށް ފާޑު ކިޔައި ޖަލްސާ ބޮއިކޮޓްކުރާނެކަމަށް ބުނަމުން ނެވެ.

މިއާއެކު ސޯޝަލް މީޑިއާގައި ވެސް "ލާދީނީ ޓެގު" ގުގުމާލައިފިއެވެ.

މިކަމުގައި "ދީން ހަތިޔާރަކަށް" ހަދައިގެން ތަފާތު ވާހަކަތައް ދައްކަމުން އަންނައިރު ކީރިތި ރަސޫލާ( ޞޢވ ) ގެ ޙަދީޘްތައް ވެސް އަންނަނީ މީޑިއާތަކުގައި ލިޔެ އާންމުކުރަމުންނެވެ.މިގޮތުން ދައުރުވަމުން އަންނަ ޙަދީޘް ތަކުގެ ސްކްރީން ޝޮޓްތައް ތިރީގައި މި އޮތީ އެވެ.

މި ޙަދީޘް ތަކުން ދޭހަވަނީ ދެ ނަމާދުދޭތެރޭ ކަމަށް ދިވެހިން ދެކޭ ވަގުތުގައި ބޭރަށް ނެރުން ނަހީކުރައްވާފައިވަނީ ކުޑަކުދިންނާ ޖަނަވާރުން ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ވުން ހިމެނެއެވެ. މިހެން ކަމުން މި ހިންގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަމަ ޔަގީނުންވެސް ކުޑަކުއްޖަކު ނުހުންނާއެވެ. އަދި މަޖިލީހުގެ މެންބަރަކަށް ވެވެނީ ދިވެހިންނަށެވެ. ދިވެއްސަކަށް ވުމުގެ ހައްގު ގާނޫނު އަސާސީން ލިބެނީ އިންސާނުންނަށް އެކަންޏެވެ. އަދި ޖަނަވާރަކަށް މިހާތަނަށް ދިވެހި ސިޓިޒެންޝިޕް ނުދެއެވެ. ވީމާ މިކަމުގައި "ދީނީ ޓެގު" އަޅުވާނެ ހަނި ޖާގައެއް ވެސް ނެތެވެ. ޖަލްސާ އޮތީ ނަމާދު ވަގުތަކު ވެސް ނޫނެވެ.

ދެން އޮތީ ގައުމިއްޔަތުގެ ވާހަކައެވެ. "ދީނާ ގައުމަކަށްޓަކައި" ނުވަތަ "ޓަކާޓަކާ" ހަމަވާނީއޭރުންނެވެ. ދެ ނަމާދު ވަގުތުގައި ޤުރުއާން ކިޔަވައި  އަޅުކަމުބައި ހޭދަކުރުމުގެ ރީތި އާދަ ދިވެހިން ގެންގުޅެނެވެ. ނަމަވެސް މިއަދު ދެ ނަމާދު ވަގުތުގައި ގުރުއާން ކިޔަވަން ތިބޭ މީހުންނަށް ވުރެ ސޯޝަލް މީޑިއާގައި އުޅޭ މީހުންނާ ކޮފީ ތަކުގައި އަޗާތަޅަން ތިބޭ މީހުންގެ އަދަދު އިތުރުވުން ވެސް އެކަށީގެންވެއެވެ. މިހެންކަމުން އިރުއޮއްސި 6:45 ގައި މަޖިލިސް ފަށައި އިޝާ ނަމާދަށް މަޖިލިސް ނިންމާލުން ނުވަތަ މެދުކަނޑާލުން މައްސަލަ ކަށް ހަދާންވީ ކީއްވެބާއެވެ؟

ދެން އޮތީ ދިވެހިންގެ ރިވެތި އާދަކާދައިގެ ވާހަކައެވެ. ދެ ނަމާދު ވަގުތު އަޅުކަމަށް ހާއްސަ ކުރުމަކީ ރީތި އާދައެކެވެ. ހަމަ އެހެންމެ މެހެމާންދާރީ އަދާކުރުމަކީވެސް ރިވެތި އާދަކާދައެކެވެ. ދިވެހިންގެ "ބޮޑުބޭބެ" ގޮތުގައި ދެކޭ އިންޑިއާގެ އެންމެ އިސްވެރިޔާ އަށް މަޖިލީހަށް ވަޑައިގަތުމަށް ވަގުތުވެލައްވަނީ މިހާރު ޖަލްސާ ބާއްވަން އެޖެންޑާ ކޮށްފައިވާ ވަގުތު އެކަނިކަމަށް މަޖިލީހުގެ އާމީން އާންމު ވެސް ވަނީ ވިދާޅުވެފައެވެ. މިހެންކަމުން އެ މަނިކުފާނު ތަގުރީރު ކުރައްވާ ވަގުތު ޖަލްސާ ދޫކޮށް ގޮސް އިހުތިރާމު ކުޑަކުރުން އެއީ ދިވެހިންގެ އާދަކާދަތޯއެވެ؟ ނުވަތަ ދީނުގައި އެކަކުއަނެކަކަށް އިހުތިރާމްކުރުން ނޯންނަނީތޯއެވެ؟ ނޫނީ ހަމަ "ޖޭވަނީ" ތޯއެވެ؟

 

ކިޔުންތެރިންގެ ހިޔާލު