މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ ދަޢުވަތު އިންޑިއާގެ ބޮޑުވަޒީރަށް އަރުވަން ފާސްކޮށްފި

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ ދަޢުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް އަރުވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާޤުންނެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ ދެވަނަ ދައުރަކަށް އިންތިޚާބުވެޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުފުޅު އޮތީ އަންނަ މަހުގެ 7ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރައްވައި އެމަޖިލީހުގައި ތަޤްރީރުކުރެއްވުމާ ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ވިދާޅުވެފައިވަނީ އެއީ މަޖިލީހަށް ލިބޭ ފަޚުރެއްކަމަށެވެ. އަދި އޭގެސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު އިތުރަށް ރަނގަޅުވެގެންދާނެކަމަށްވެސް މަޖިލީހުގެ މެމްބަރުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު