އައު މަޖިލީހުގެ ރައީސަކީ ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދުދާއިރާގެ ޢިއްޒަތްތެރި މެމްބަރު ރައީސް މުޙައްމަދު ނަޝީދު 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ މެމްބަރުން މިރޭ އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރީ67 ވޯޓުންނެވެ. ރައީސް ނަޝީދާއެކު މިމަޤާމަށް ވާދަކުރެއްވީ ނިމިދިޔަ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެފަހުގެ ރައީސް މާމިގިލީ ދާއިރާގެ މިހާރުގެވެސް މެމްބަރު ޤާސިމް އިބްރާހީމެވެ. އޭނާއަށް ނާކާމިޔާބުވީ 17 ވޯޓާއެކުއެވެ.

މަޖިލީހުގެ ރައީސްކަމަށް ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ. މި ހުށަހެޅުމަށް ތާޢީދުކުރެއްވީ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ.

މަޖިލީހުގެ ރައީސާއި ނާއިބުރައީސް ހޮވުމުގެ ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔައީ  5 މެމްބަރުންގެ ކޮމިޓީއަކުންނެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

1 - ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން

2 - އިސްދޫ ދާއިރާގެ މެމްބަރު ޢަލީ ޙަމީދު

3 - ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް

4 - މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު

5 - ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން

މަޖިލިސް ރަައީސަކަށް ނަޝީދު، ނާއިބު ރައީސަކަށް އީވާ

19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވެރިކަންކުރާ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅުކަމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުންވަނީ ރޭ ފާސްކޮށްފައެވެ.

މިގޮތަށް ފާސްކޮށްފައިވަނީ ދަރުބާރުގޭގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ޖަލްސާގެ އިއްތިފާޤުންނެވެ.

މިމަޖްލީހުގެ 65 ގޮނޑި ކާމިޔާބުކޮށްގެން ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީއެވެ.  ދެން މެމްބަރުން ހިމެނޭ ގޮތަކީ އިދިކޮޅު ޕީޕީއެމްގެ 5 މެމްބަރުންނައި ކޮންގްރެސް ޕާޓީގެ 3 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 5 މެމްބަރުންނާއި އެމްޑީއޭގެ 2 މެމްބަރުންނާއި މިނިވަން  7 މެމްބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު