ފެބުރުއަރީ 1 ގެ އަމުރު ތަންފީޒު ނުކުރި މުއައްސަސާތަކާމެދު ފިޔަވަޅު އަޅަން ލަފާ ދީފި

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަށްފަހު ސަލާމަތީ ބާރުތަކުން ސުޕްރީމްކޯޓުގެ ބޭރުގައި ފޯރިމަރަނީ

މިދިޔަ އަހަރުގެ ފެބުރުއަރީމަހުގެ ފުރަތަމަ ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރި މުއައްސަސާތަކާމެދު ފިޔަވަޅުއެޅުމަށް ޖަލުތައް އޮޑިޓްކުރުމަށް އުފެއްދި ކޮމިޝަނުން ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އަށް ލަފާދީފިއެވެ.

ޖަލުތައް އޮޑިޓްކުރުމަށް އުފެއްދި ކޮމިޝަން "ޕްރިޒަންސް އޮޑިޓް ކޮމިޝަން"އިން މިއަދު ޢާއްމުކޮށްފައިވާ ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ވަނީ ޖލުގެ ބަންދުގައި އޭރުތިބި 9 މީހަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެއަމުރު ތަންފީޛްކުރުން ލާޒިމް އަމުރެއްކަމަށެވެ. މިފަދަ އަމުރެއް ތަންފީޛް ކުރަން ދެކޮޅުހެދުމަކީ ނުވަތަ ތަންފީޒު ނުކުރުމަކީ ކުށަކަށް ވާއިރު މިދިޔަ އަހަރުގެ ފެބުރުއަރީމަހުގެ ފުރަތަމަ ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ބައެއް މުއައްސަސާތަކުން ދެކޮޅު ހަދާފައިވާކަމަށެވެ.

އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މިއަމުރު ތަންފީޒުކުރުމަށް ހުރަސްއަޅާފައިވާކަމަށާ އެދެ މުއައްސަސާއިން ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުމަށް ހުރަސްއެޅިއިރު ޤައިދީންގެ ޙައްޤުތައް ކަށަވަރުކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ދަޢުލަތުގެ ބަންޑާރަ ނައިބާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓިގްރިޓީ ކޮމިޝަނުން ޤައިދީންގެ ޙައްޤު ކަށަވަރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށްވެސް "ޕްރިޒަންސް އޮޑިޓް ކޮމިޝަން"ގެ ރިޕޯޓުގައި ވެއެވެ.

އެހެންކަމުން "ޕްރިޒަންސް އޮޑިޓް ކޮމިޝަން"ގެ ރިޕޯޓު ހޯމް މިނިސްޓަރާ ހިއްސާކުރާތާ ހަތް ދުވަހުގެ ތެރޭގައި މިމައްސަލަތައް ދައުލަތުގެކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް ތަހުގީގް ކުރުމަށް "ޕްރިޒަންސް އޮޑިޓް ކޮމިޝަން"އިން ވަނީ ހޯމް މިނިސްޓަރަށް ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު