އެމްޑީޕީން މިފަހަރުވެސް ނަމޫނާ ދައްކައިފި

ރައްޔިތުން މަޖިލީހުގެ ރައީސަކަށް ވެރިކަންކުރާ މައިޕާޓީ އެމްޑީޕީން ހުށަހަޅާނީ ކޮން ބޭފުޅެއްގެ ނަމެއްތޯ ކަނޑައެޅުމަށް ނެގި ވޯޓުގެ ކެމްޕެއިނަކީ އެމްޑީޕީގެ ތާރީޚުގައިވެސް އެންމެ ވާދަވެރިކަން ބޮޑުވެގެންދިޔަ ކެމްޕެއިނެވެ. މި ކެމްޕެއިން ހަޤީގަތުގައި ކުރެވުނީ ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީދާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާ ދެމެދު ކައުމުގައި ވިޔަސް ވާދަވެރިކަން ބޮޑުވީ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އުފެދުނު ވާދަވެރިކަމުގެ ސަބަބުންނެވެ.

މިވާދަވެރިކަމާއެކު، އެމްޑީޕީގެ ޢާއްމު މެމްބަރުންވެސް ދެބަޔަކަށްބެހި ދެރައީސުންގެ "ފެކްޝަން"ތައް އުފެދުނެވެ. ސޯޝަލް މީޑިއާގައި ފެނުނީ އެއްބަޔު ތާޢީދުކުރާ ކެނޑިޑޭޓަށް އަނެއްބަޔަކު ފާޑުކިޔައި މިފާޑުކިއުން "ތަންކޮޅެއް މައްޗަށް" ދިޔަތަނެވެ.

މިވާދަވެރިކަމުގެ "ފިނި ހަނގުރާމަ" ނަޝީދުގެ އާއިލާގެ ބޭފުޅުންނާއި ގާތް އެކުވެރިންނާއި ރައީސް ޞާލިޙުގެ ޢާއިލީ ބައެއް ބޭފުޅުންނާއި ސަޕޯޓަރުންގެ މެދުގައި ވަރުގަދައަށް ހިނގަން ފެށިއެވެ. ފާޅުގައި އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔައި މިއީ މުޅިން ދެޕާޓީއެއްބާއޭ ހީވާ މިންވަރަށް ކަންކަން ދިޔައެވެ.

މިއީ މީގެކުރިން ދުވަހަކުވެސް އެމްޑީޕީގެ ތެރެއިން ފެނުނު މަންޒަރެއް ނޫނެވެ. މިއަށްވުރެ މާ ބޮޑެތި އިންތިޚާބުތަކާއި، ޕްރައިމަރީތަކުގައިވެސް އެމްޑީޕީން ނަމޫނާ ދައްކައި ޑިމޮކްރަސީއަކީ އެޕާޓީގެ އަސާސްކަން ހާމަކޮށްދީފިއެވެ. އަދި އަމުދުން ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެބޭފުޅުންނަކީ މިހާތަނަށްވެސް ސިޔާސީ މައިދާނުގައި އެކުގައި އެއްރޫޙެއްގައި މަސައްކަތް ކުރައްވަމުން ވަޑައިގެންނެވި ދެ މިތުރުންނެވެ.

އެހެންނަމަވެސް މިދިމާވި ޙާލަތުގައި އެންމެގެ އަންދާޒާއަކީވެސް އެމްޑީޕީ ބައިބައިވެ ނިމިއްޖެކަމެވެ. ދެފެކްޝަނާއެކު ރައީސް ޞާލިޙާއި ނަޝީދަކީ ސިޔާސީ ދެ ފިކުރަށްވެ ދެމިސްރާބަކަށް ވަޑައިގަންނަވާނެކަމެވެ. މިގެން ވެއްޖެނަމަ އެއީ އެމްޑީޕީގެ ސަރުކާރަށާއި، ސުޕަމެޖޯޓީރީ މަޖިލީހަށްވެސް ލިބިގެންދާނެ ވަރަށްބޮޑު ގެއްލުމެކެވެ. ސިޔާސީގޮތުން އެމްޑީޕީއަށް ލިބޭނެ ވަރަށްބޮޑު ނިކަމެތިކަމެކެވެ. އެއްޕާޓީއެއްގެ ގޮތުގައި މިހާތަނަށް އައި ކާމިޔާބު ތާރީޚު ނިމުމަކަށް އަންނާނެކަމެކެވެ.

ކުރިން ޑީއާރުޕީއާއި ޕީޕީއެމް ދިޔަމަގުން އެމްޑީޕީވެސް ދަތުރުފެށީކަމުގައި މީހުން ކިޔަން ފެށީ މިހެންވެގެންނެވެ. މިހުރިހާކަމެއްގެ ފައިދާކުރާނީ ސިޔާސީގޮތުން އެމްޑީޕީއާ އިދިކޮޅު ފަރާތްތަކަށް ކަން އެއީ ޔަޤީންކަމެކެވެ.

އެހެންނަމަވެސް ސިޔާސީގޮތުން "6ކުޅި ކުރިއަށް" ކުޅުއްވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ނިންމެވުމަކީ އެޕާޓީ ވެއްޓެންދިޔަ ފުން އަނދަވަޅުން ޕާޓީ ސަލާމަތްވި ސަބަބެވެ. އަސްލަމާއި އަފީފާ ދެބޭފުޅުންގެތެރެއިން ކޮންމެ ބޭފުޅަކު މަޖިލީހުގެ ރައީސްކަމަށް ހޮވަން އެމްޑީޕީން ނިންމިނަމަވެސް ދިމާވެގެންދިޔަ މައްސަލައަށ ޙައްލެއް ނާންނާނެއެވެ.

އެމައްސަލައަށް ޙައްލު ގެނައުމަށްޓަކައި ނަޝީދު ނޫން އެހެން އެއްވެސް ބޭފުޅަކު އެމްޑީޕީއަކު ނެތްކަމީ އެންމެންވެސް ޤަބޫލުކުރާނެ ހަޤީގަތެކެވެ. ސަބަބަކީ ނާޝީދަށްވުރެ މަޤުބޫލު ސިޔާސީ ވަކި ލީޑަރަކު އެމްޑީޕީއަކުވެސް އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގައިވެސް މިވަގުތު ނެތްކަމެވެ. އަދި އެމްޑީޕީގެ އެންމެން އެއްބަސްވާނެ ވަކި އެހެން ލީޑަރަކުވެސް ނެތުމެވެ.

ކޮންމެއަކަސް މިކަން އަފީފާއި އަސްލަމްވެސް ޤަބޫލުކުރައްވައި ނަޝީދަށް ދެއްނެވުމުން ނަޝީދު އެކަން ޤަބޫލުފުޅުކުރައްވައި ނިންމެވި ނިންމުމަކީ ސިޔާސީގޮތުން އެމްޑީޕީގެ ހަމަ އިސްކޮޅަށް ޕާޓީ ތެދުވެލި ހަރުދަނާ ނިންމެވުމެކެވެ. މިއީ ސިޔާސީގޮތުން ޕާޓީތަކުގެއެތެރޭގައި އުފެދޭ މައްސަލަތައް ޙައްލުކުރުމުގައި ނަމޫނާއެކެވެ. ރާއްޖޭގެ އެހެން ޕާޓީތަކުން ބަލަންވީ ޢިބުރަތްތެރި މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު