މަޖިލިސް ރައީސަކަށް އެންމެ ރަނގަޅީ އަފީފު - ރައީސް ޞާލިޙު

ރައްޔިތުން މަޖިލީހުގެ އައު ރައީސަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ވިލިފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޙަޞަން އަފީފު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ހިނގަމުންމިދާ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނުނު މެމްބަރުންނާއި، އަލަށް އިންތިޚާބުކޮށްފައިވާ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި  މިރޭ ބޭއްވި ތަރާވީހަކަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖިލީހުގެ އައު ރައީސަކަށްވުމަށް އެމަނިކުފާނު ތާޢީދުކުރައްވަނީ ވަކި ބޭފުޅެއްކަމުގައި ވިދާޅުވުމަކީ ދަތިފުޅު ކަމެއްކަމަށެވެ. އެމްޑީޕީގެ މެމްބަރުންގެ ތެރެއިން މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާނެކަން ޢިއުލާންކުރައްވާފައިވާ ވިލިފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ޙަސަނަް އަފީފާއި ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަސްލަމާ ދެބޭފުޅުންނާއި އެކުގައިވެސް މަަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ. އެއާއެކު އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭގޮތުގައި މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާފައިވާ ބޭފުޅުންގެތެރެއިން އެންމެ އެކަށީގެންވާ ބޭފުޅަކީ ޙަސަން އަފީފު ކަމުގައި ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މި ހުރި ހައިސިއްޔަތުން އަޅުގަނޑު ވަކި މީހެއްގެ ނަން ޕަބްލިކްގައި ބުނުމަކީ ރަނގަޅު ކަމެއް ނޫން، އަޅުގަނޑަށް ހަސަން އަފީފްގެ މަސައްކަތް ހުރީ ފެނިފަ، އަޅުގަނޑަށް އަސްލަމާއެކީގައި ވެސް މަސައްކަތް ކުރެވިފައި އެބަހުރި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަސަން އަފީފަކީ މިކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވާއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދުދާއިރާގެ އިންތިޚާބީ މެމްބަރު ރައީސް ނަޝީދު ތާޢީދުކުރައްވަނީ އަސްލަމަށެވެ،

މަޖިލިސް ރައީސަކު ހޮވަން ވޯޓު ނަގާނީ 19ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރުމަށް ބާއްވާ ޖަލްސާގައެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު