އިޚްލާސްތެރިކަމެއް ނެތް ވެރިން ވަކިކުރުމުގެ މަސައްކަތް ކުރާނަން - ޔައުޤޫބު

ޕީއެސްއެމް އިން ގެނެސްދިން މަޖިލިސް ބަޙުސްގައި ޔައުޤޫބު ވާހަކަފުޅުދައްކަވަނީ – ފޮޓޯ: ޕީއެސްއެމް

އައު މަޖިލީހުގެ މަސައްކަތްތައް ފެށުމާއެކު ދައުލަތުގެ އިދާރާތަކުގެ އިސްމަޤާމުތަކުގައި ތިއްބެވި އިޚްލާސްތެރިކަމެއްނެތް މީހުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެކަމަށް ދާންދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޔައުޤޫބު ވިދާޅުވީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައަކީ ޤާނޫނުތައް ތަންފީޒުކުރަން ތިބި އިސް ބައެއް ބޭފުޅުންގެ އިޚްލާސްތެރިކަމެއް ނެތުންކަމަށެވެ.

އެހެންކަމުން ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ޝަރުޢީ ކޯޓުތަކުގައި ތިއްބެވި އިޚްލާސްތެރިކަމެއް ނެތް ބޭފުޅުން އެމަޤާމުތަކުން ވަކިކޮށް އިޚްލާސްތެރި ބޭފުޅުން ޢައްޔަންކުރަން ޖެހޭކަމަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިހުރި ކަންކަން ރަނގަޅުކުރުމަށް އާ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަންޖެހޭކަން ޔައުޤޫބު ފާހަގަކުރެއްވިއެވެ. އެގޮތުން ދައުލަތުގެ އިސްވެރިންނަށް ދޫކޮށްފައިވާ އެފްލެޓްތައް އަތުލަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

"ދީފަހުރި ފަނޑިޔާރުންނާއި، އެކިއެކި މިނިވަން މުއައްސަސާތަކުގެވެރިންނާ، މިތަންތަން އަނބުރާ ނެގެންޖެހޭނެ. ސަރުކާރަށް މިފްލެޓްތައް ނެގެންޖެހޭނެ. އަޅުގަނޑު މިދަންނަވަނީ އާންމުރައްޔިތުންނަށް ދިން ފްލެޓްތަކުގެ ވާހަކައެއް ނުން. މިއީ އެމަޤާމުތަކަށް ދިން ފްލެޓެއް، މިއީ ކުށެއް ނެގެންޖެހޭނެ" ޔައުޤޫބު ވިދާޅުވިއެވެ

ޔައުގޫބު ވިދާޅުވީ ދިވެހިރައްޔިތުން ރައީސް ޞާލިޙްގެ ސަރުކާރު އިންތިޚާބުކުރީވެސް، އަދި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ދިނީވެސް ކޮރަޕްޝަނާއި ފަސާދަ ނައްތާލައި މިފަދަ ކަންކަން އިސްލާޙުކުރުމަށް ކަމަށެވެ. އެހެންކަމުން އައު މަޖިލީހާއެކު މިމަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރަން ޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު