ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ސްރީލަންކާގެ ޚާރިޖީ ވަޒީރާއިއެކު އެޤައުމުގެ މަސްރަހާއި ގުޅޭ ގޮތުންނާއި އެޤައުމުގައި ތިބި ދިވެހިންނަށް ދިމާވާ ކަންކަމާމެދު މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާއާއި ފޯނުން ގުޅުއްވައި، ސްރީލަންކާގެ އާރމީގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭ ގޮތުންނާއި، ސްރީލަންކާގެ މަސްރަހާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ސްރީލަންކާގައި ދިރުއުޅޭ އަދި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދިވަޑައިގަތެވެ. އަދި ސްރީލަންކާއަށް ދިމާވެފައިވާ މިޙާލަތުގައި އެޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިލަކް މަރަޕަނާގެ ވާހަކަފުޅުގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި އެޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކާއި ގުޅިގެން ހަމަ އެދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު ފޮނުއްވިކަން ފާހަގަކުރައްވައި އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ޝުކުރު ދެންނެވިއެވެ. އަދި މީގެ އިތުރުން އެޙަމަލާތަކަށްފަހު ސްރީލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ޤައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއިއެކު، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ދެއްވިއެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ޤައުމުތަކާއި ގުޅިގެން ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު ވަނީ މިއަދުވެސް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު