ޔޫއެންޑީޕީއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެކަމަނާގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް ފޮރިން މިނިސްޓަރ ޝާހިދަށް އަރުވައިފި

ޔޫ.އެން.ޑީ.ޕީއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް އަކީކޯ ފޫޖީ، އެކަމަނާގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދަށް މިއަދު އަރުވައިފިއެވެ.

މިސް އަކީކޯ ފޫޖީގެ މަޤާމުގެ ލެޓަރ އޮފް އެޕޮއިންޓްމަންޓާއި ޙަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީގައި އދ އިން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އެގޮތުން އިންސާނީ ތަރައްޤީގެ އެކި ދާއިރާތައްކަމަށްވާ ފަޤީރުކަން ނައްތާލުމާއި، ތިމާވެށީގެ ސަބަބުން ކުރާ އަސަރުތަކާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ޑިމޮކްރަސީއާއި ގަވަރނަންސްގެ ދާއިރާއިން އދއިން ވެދޭ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވްގެ ވާހަކަފުޅުގައި އެކަމަނާއަށާއި ޖުމްލަކޮށް އދގެ ނިޒާމަށް ދިވެހި ސަރުކާރުން ކުރައްވާ އިތުބާރަށް ޝުކުރު އދާކުރެއްވިއެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާ ހާސިލްކުރުމަށް ދިވެހި ސަރުކާރާއި އދ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޔޫއެންޑީޕީއާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށާއި، މިސް އަކީކޯ ފޫޖީގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާއަށް މިނިސްޓަރ ޝާހިދު އެރުވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެމްބެސެޑަރ-އެޓް-ލާރޖް ޑރ. އާސިމް އަހުމަދުއާއި، މިނިސްޓްރީގެ ޑިރެކްޓަރ މަރިޔަމް ރީޝާ ބައިވެރިވެވަޑައިގަތެވެ. އަދި މިސް އަކީކޯ ފޫޖީގެ އަރިހުގައި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މަރިޔަމް ނަޒްރާ އާއި، ކޮމިއުނިކޭޝަންސް އޮފިސަރ މަޚްދޫމާ ނާޒިމް ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު