މުހުޖަތާއި މައިމޫން މަރަން ޙުކުމްކޮށްފި

ބޮބީ މަރާލިމައްސަލަ ސާބިތުވި މުހުޖަތު އަހްމަދު ނާސިހް (ކ) އަދި މުހައްމަދު މައިމޫން – ފޮޓޯ: ޕޮލިސް
2012 ވަނަ އަހަރުގެ ފެބްރުއަރީމަހު ތޫނު އެއްޗަކުން ޙަމަލާދީ މާލޭގައި މަރާލި އަބްދުލްމުހީތު (ބޮބީ)ގެ މަރުގެ މައްސަލާގައި ތުހުމަތުކުރާ މުހުޖަތު އަހްމަދު ނާސިހާއި މުހައްމަދު މައިމޫން މެރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މިދެމީހުންގެ މައްޗަށް ބޮބީ މަރާލިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އެދެ ގާތިލުން މެރުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިމަހުގެ 7ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގައި ބޮބީގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ ޤިޞާޞް ހިފުމަށެވެ. އެހެންކަމުން އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ޤާތިލުން މެރުމަށް ކްރިމިނަލްކޯޓުންވަނީ ޙުކުމްކޮށްފައެވެ.
ބޮބީ މަރާލި މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައިވެސް ދައުލަތުން ދައުވާކުރިއެވެ. ޢުމުރުން 18 އަހަރު ނުވާ 3 ކުއްޖެއްގެ މައްޗަށް އުފުލި މިދަޢުވާ އޭގެ ތެރެއިން ދެކުއްޖެއްގެމައްޗަށް ސާބިތުވެ އެދެމީހުން މެރުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފައެވެ. މިމައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ.
