ދުވާފަރުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ދުވާފަރުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މާލެއިން ދުވާފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މެއި 19 ވަނަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި، އެ ލޯންޗު ދުވާފަރު ބަނދަރާއި ގާތްކުރުމުން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ލޯންޗު ބަލައިފާސްކުރިއިރު ލޯންޗުގައި އިން ކަރުދާސް ފޮށިގަނޑެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 77 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު