ނުރައްކަލެއް ނެތް! ކުރިއަށްދަނީ ލަންކާއަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށްދާ ތަމްރީނުތަކެއް!

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކަކީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފަރިތަކުރުންތަކުގެ ބައެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

މިފަރިތަކުރުންތަކާ ގުޅިގެން ދެކެވެމުންދާ އެކިކަހަލަ ވާހަކަތަކަށް ޖަވާބުދެއްވުމުގެގޮތުން ނެރުއްވި ނޫސްބަޔާނެއްގައި އެމްއެންޑީއެފްއިން ވިދާޅުވެފައިވަނީ މިސިލްސިލާ ތަންރީނުތައް ފަށާފައިވަނީ 05 މެއި 2019 ގައިކަމަށެވެ. އަދި މިއަދު މި ފެށުނީ މި ސިލްސިލާގެ ދެވަނަ ތަމްރީނުތައްކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

"މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް އިލްތިމާސް ކުރަމެވެ." އެމްއެންޑީއެފް ގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިތަމްރީނުތަކާ ގުޅިގެން ދެކެވޭ ވާހަތަކާބެހޭގޮތުން މިރޭ އެމްއެންޑީއެފްއިންވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައިވެސް ވާހަކަފުޅުދައްކަވާފައެވެ. އަދި ފުލުހުންވެސް ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު