ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ފަރަހްނާޒް ފައިޞަލް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޑޮކްޓަރ ފަރަހްނާޒް ފައިޞަލް ވަނީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް، އިނގިރޭސިވިލާތާއި، ޔޫރަޕްގެ ޤައުމުތަކާއި ދެމެދުގައި ރާއްޖޭން އޮންނަ ގުޅުން ބަދަހިކުރެއްވުމާއިގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ޑޮކްޓަރ ފަރަހްނާޒް ވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މަސައްކަތްތަކުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މިގޮތުން، އެކަމަނާ ވަނީ ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން، ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދުގައި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގުތައް ފަހިކުރެއްވުމަށާއި، ޔޫރަޕް ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް އެމްބަސީއިން މަސައްކަތްކުރައްވާކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޑޮކްޓަރ ފަރަހްނާޒް ވަނީ ރާއްޖެއާ ދޭތެރޭގައި ބޭރު ދުނިޔެއިން ދެކޭގޮތް ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ސަރުކާރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު