މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލް އާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ޕާޓްނަރޝިޕްސް އިމްޕްލިމެންޓޭޝަން ހަރ އެކްސެލެންސީ މިސް އަނާ ބަރޗޯލްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރުމޭނިއާގެ ބޮޑުވަޒީރުގެ އޮފީސް ވިކްޓޯރިއާ ޕެލަސްގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވުމުގައި ރުމޭނިއާއިން އަދާކުރަމުންދާ ދައުރަށް މަރުޙަބާ ދަންނަވާފައެވެ. މީގެ އިތުރުން ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ރުމޭނިއާއާއި ދެމެދު ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެގޮތުން ސިއްހީ ދާއިރާއާއި، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތުގެ ދާއިރާއިންނާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ތައުލީމާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ހަމައެއާއިއެކު ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާރކެޓްގައި އިތުރަށް ޕްރޮމޯޓްކުރުމަށް ދިވެހި ސަރުކާރުން ބޭނުންވާކަން ހާމަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފެވެ.

އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖެއާއި ރުމޭނިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރުފުރުން ފާހަގަކުރާނެއެވެ.

ރުމޭނިއާއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ފާތުމަތު ރަޒާނާއެވެ.

ކިޔުންތެރިންގެ ހިޔާލު