ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ހޯމް މިނިސްޓަރ ފައްޓަވައިދެއްވައިފި

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތުބައްދަލުވުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ މިއަދު ފައްޓަވައިދެއްވައިފިއެވެ.

ރ.އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން މިމަސައްކަތުބައްދަލުވުން ބާއްވަނީ އުނގޫފާރުގައެވެ. ބައްދަލުވުން އަމާޒުކޮށްފައިވަނީ ރ.އަތޮޅުގެ ކައުންސިލް މެމްބަރުންނަށާއި، ރ.އަތޮޅުގެ ރަށު ކައުންސިލްތަކުގެ މެމްބަރުންނަށާއި، ޒިންމާދާރު ވެރިންނަށާއި، ހަރަކާތްތެރި ޖަމްއިއްޔާތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށެވެ. މީގެއިތުރުން ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުންވެސް މިމަސައްކަތުބައްދަލުވުމުގައި ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މިމަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އަމާންވެއްޓެއް ޤާއިމްކުރުމާއި، ރައްޔިތުމީހާއަކީ ޒިންމާދާރު މީހަކަށް ހެދުމަށް މަސައްކަތްކުރުމާއި، ފަރުދީ ޒިންމާ ނަގަން ހިތްވަރު ދިނުމާއި، ޒިންމާދާރުގޮތެއްގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތްކުރުމުގެ މުޙިންމުކަން އަންގައިދިނުމެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތުބައްދަލުވުމުގައި ސެޝަންތައް ނަންގަވައިދެއްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސަސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ނޭޝަނަލް ޑްރަގް އެޖެންސީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، މިނިސްޓްރީ އޮފް ހެލްތް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ބޭފުޅުންނެވެ.

މަސައްކަތުބައްދަލުވުން ފައްޓަވައިދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދު އަޅުގަނޑުމެން މި ހަތަރުލައްކަ މީހުން ދިރިއުޅޭ ޤައުމުގެ ހާލަތާމެދު ވިސްނާލަންޖެހޭކަމަށެވެ. މިފަށާ މަސައްކަތުބައްދަލުވުމަކީ އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލަށް ފަށާ ބައްދަލުވުމެއްކަމަށާއި، އަޅުގަނޑުމެން އެކަމުގައި އެމީހެއްގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ފަށާ ބައްދަލުވުމެއްކަމަށެވެ. އެމަނިކުފާން ވިދާޅުވީ އަޅުގަނޑުމެން މިމަސައްކަތާއިގެން މިނިކުންނަނީ މުޅިޤައުމަށްކަމަށެވެ.

" އަޅުގަނޑުމެން ކޮންމެބޭފުޅަކު އެނބުރި އަޅުގަނޑުމެންގެ ރަށަށްގޮސް އަޅުގަނޑުމެން،އަޅުގަނޑުމެންގެ ހަޤީޤީ ޒިންމާއާ ދޭތެރޭ ވިސްނާ ފިކުރުކޮށް، ޤައުމުގެ ކޮންމެ ފަރުދަކާ ހަމައަށް އެޒިންމާ އަދާކުރުމުގެ މަސްޢޫލިއްޔަތު އަދާކޮށްދިނުމަށް އަޅުގަނޑުމެން ނިކުންނަންޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ވަރަށްގިނަ ޒިންމާ އަދާކުރަން އެބައޮތްކަން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ޖެހޭކަމަށާއި، އެޒިންމާތަކުގެ ކުރިމަތީގައި ކޮންމެ ދުވަހަކު އަމިއްލަ ނަފްސާ ސުވާލުކޮށްލަންވެސް ޖެހޭކަމަށެވެ. އެމަނިކުފާން ވިދާޅުވީ އަޅުގަނޑުމެންގެ ސުލުހަމަސަލަސްކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާއަދާކުރުމުގެ މައްޗަށްކަމަށާއި، އަޅުގަނޑުމެންގެ އެކުވެރިކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް ކަމަށާއި، އަޅުގަނޑުމެންގެ އިޖުތިމާއީ ހަމަޖެހުމާއި، ދުޅަހެޔޮކަންވެސް ބިނާވަނީ ޒިންމާ އަދާކުރުމުގެ މައްޗަށްކަމަށާއި، އިޤްޠިޞާދީ ފުދުންތެރިކަމާއި، ތަރައްޤީއާއި ކުރިއެރުންވެސް ބިނާވަނީ ޒިންމާއަދާކުރުމުގެ މައްޗަށްކަމަށެވެ. އާއިލާތަކުގެ ބަދަހިކަމާއި، އާއިލާތަކުގެ އުފާވެރިކަންވެސް ބިނާވަނީ ޒިންމާއަދާކުރުމުގެ މައްޗަށްކަމަށާއި،، އެހެންކަމުން މިހުރިހާކަމަކާމެދު ފުންކޮށް ވިސްނަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ މުޅިޤައުމުގެ މުސްތަޤްބަލް، މުސްތަޤްބަލްގެ އުޖާލާކަން، އުފާވެރިކަން ބިނާވެގެންވަނީ އަޅުގަނދުމެން ހުރިހާ ރައްޔިތުން ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ޒުވާނުން ކޮންމެ ފަރުދަކު އެފަރުދެއްގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ މައްޗަށް. އެޒިންމާ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މުސްތަޤްބަލަކީ އުޖާލާ މުސްތަޤްބަލެއް. ޒިންމާ އަދާނުކުރެވިއްޖެނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާ. " މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު