ރައީސުލްޖުމްހޫރިއްޔާ ތ. ވޭމަންޑޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ވޭމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ވޭމަންޑޫ ކައުންސިލުންވަނީ، ވޭމަންޑުއަކީ އަތޮޅުވެރިކަން ކުރާ ރަށް ކަމަށްވުމާއެކު ވެރިކަންކުރާ ރަށެއްގެ ސިފަ އެރަށަށް ލިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ހާމަކުރައްވައިފައެވެ. މިގޮތުން، ރައްޔިތުންނަށް ރަށުން ލިބެންޖެހޭ ބައެއް އަސާސީ ޚިދުމަތްތައްވެސް ރަށުގައި ފުރިހަމަ ނުވާކަމަށާއި، އެރަށަކީ ކޮންމެ ދުވަހަކު ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއް ކަމުގައި ވީނަމަވެސް އެކަށީގެންވާ ބަނދަރެއް ވޭމަންޑޫގައި ނެތްކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި، ރަށުގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހިފައިވާ ކަމުގައިވެސް ކައުންސިލް މެންބަރުން ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލު ކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ހުރިހާ ގޮތަކުން ކައުންސިލްތައް ބާރުވެރި ކުރުވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން ވެރިކަން ހިންގެވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.