ސިފައިންގެ ޑޮކްޓްރީންގެ އެހީގައި ދިވެހި ސިފައިންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެ- ރައީސުލްޖުމްހޫރިއްޔާ

އަލަށް އިފްތިތާހްކުރި ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ސިފައިންގެ ޚިދުމަތް، ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ސިފައިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ސިފައިންގެ ޑޮކްޓްރީން ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ޢަސްކަރިއްޔާގެ އިސްތިރާޖީ ކުރިމަގު ބައްޓަންވެގެންދާނީ ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކަށް ވެސް ރިޢާޔަތްކޮށް، ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލެވޭނެ ގޮތަށް ކަމަށެވެ. އަދި މި ޑޮކްޓްރީނުން ގެނެސްދޭ ބަދަލުތަކާ އެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ވެގެންދާނީ، ޢަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތުގެ ގޮތުން ވެސް، ޤާބިލުކަން ލިބިފައިވާ ލަޝްކަރެއްގެ ގޮތުގައިކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ ބިނާކުރުމުގެ މަސައްކަތް ކުރައްވަނީ، ޤައުމުގެ މައިބަދައަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބައްލަވައިގެން ކަމަށެވެ. އެހެންކަމުން ދިވެހި ސިފައިންނަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، އަދި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް، ސިފަވަންތަ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ސިފައިން، ސިފަވަންތަ ބަޔަކަށް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމުން ވެރިކަން ކުރުމުގެ އެއް އަސާސަކީ، ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައް ވެސް، ލާމަރުކަޒު ކުރެވިގެން ދިޔުންކަން ފާހަގަކުރައްވައި، އެކަމަށްޓަކައި މިހާރު ޤާއިމްކޮށްފައި ހުރި އޭރިޔާ ކޮމާންޑްތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ކޯސްޓްގާޑާއި ފަޔަރުގެ ޚިދުމަތް ހިމެނޭ ގޮތުން އިތުރު އައުޓްޕޯސްޓްތައް ޤާއިމުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ ވެލްފެއަރގެ ކަންކަން ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ސިފައިންނަށް ތަމްރީނުގެ އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ކުރިޔަށްގެންދަވާ މަސައްކަތްތަކުގެ ތަފްޞީލަށް ވެސް ބައްލަވާލެއްވިއެވެ.

އަވައްޓެރި ސްރީ ލަންކާގައި، ދިން، ނުރައްކާތެރި ޓެރަރިސްޓް ޙަމަލާއަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ހަމަލާ އަކީ ސްރީ ލަންކާގައި ދިން ޙަމަލާއަކަށް ވިޔަސް، އެއީ މުޅި މި ސަރަޙައްދަށް ކުރިމަތިވި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެ ނުރައްކާތެރި ޙަމަލާއާ ގުޅިގެން، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ދިވެހި ފުލުހުން ގުޅިގެން، މިހާރުގެ ސަލާމަތީ ޙާލަތު ވަޒަންކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހި ސިފައިންނަކީ، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، އަދި ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތާ ބައެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާ ފަދަ ޢަޒުމެއްގައި، ސާބިތުވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

ސިފައިންގެ ޚިދުމަތަށް 127 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް މިރޭ ބޭއްވެވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ޖަލްސާގައި ސިފައިންގެ ޑޮކްޓްރީން ނެރެދެއްވުމުގެ އިތުރުން، ސިފައިންނަށް ޚާއްޞަ މެޑެއްޔާއި ފަޚުރުވެރި ކާމިޔާބީ ހާޞިލުކުރެއްވި ސިފައިންނަށް ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު