ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލަންކާއަށް ފޮނުއްވުމަށް ހަމަޖައްސަވައިފި

އަވަށްޓެރި ސްރީލަންކާއަށް މިއަދު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ސްރީލަންކާ ސަރުކާރަށް އެއްބާރުލުން ދެއްވައި، ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައިލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، އަޙްމަދު ޚަލީލް ސްރީލަންކާއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

މިދަތުރުފުޅުގައި އަޙްމަދު ޚަލީލް ސްރީލަންކާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންގެ ޙާލު ބައްލަވައި ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާނެއެވެ.

ސްރީލަންކާގައި ދިން މި ޓެރަރިސްޓު ހަމަލާގައި އެތައް ބަޔަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެފައި ވެއެވެ. މި ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު