ޕީޕީއެމް ނައިބު ރައީސަކަށް ޣައްސާން

އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕީޕީއެމްގެ ނައިބު ރައީސަކަށް އެޕާޓީގެ ބާނީ އަދި ޕާޓީގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫން ޢައްޔަންކޮށްފިއެވެ.

ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ޕާޓީގެ އިސް ބައެއް މަޤާމުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ޣައްސާނުގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ރައްްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރުކަމަށް ދެވަނަފަހަރަށް އިންތިޚާބުވެފައިވާ އަހުމަދު ޝިޔާމްވެސް ވަނީ އެޕާޓީގެ ނައިބުރައީސުންގެ މަޤާމައަށް އައްޔަން ކުރައްވާފައެވެ.

އެންމެފަހުން ބޭއްވި ޕީޕީއެމްގެ ޤައުމީ ޖަލްސާގައި އެޕާޓީގެ ނާއިބު ރައީސްކަމުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރެވެ.

ޢަބްދުއްރަހީމް އަބްދުﷲ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން ފަހުން އުފެއްދި ޕީއެންސީގެ ލީޑަރުކަމުގެ މަޤާމަށް ވަޑައިގެންފައެވެ. އަދި މުހައްމަދު ސަޢީދު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން ޕީއެންސީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަޤާމަށް ވަޑައިގެންފައެވެ. އާޒިމާ މަޤާމުން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު