ޤައުމަށްޓަކައި ތިމާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި، އެކަމެއް ކޮށްދިނުމަށް އަވަސްވެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

މި ޤައުމު މިއަދު އޮތް ޙާލާ މެދު ވިސްނައި ފިކުރު ހިންގަން ފެށުމަށާއި، މި ޤައުމަށްޓަކައި ތިމާއަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، އެކަމެއް ކޮށްދިނުމަށް އަވަސްވެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވެވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީހުން ބިނާކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަދާކުރަމުން އަންނަނީ، ވަރަށް އުންމީދީ ދައުރެއްކަމަށާއި، މިދިޔަ އަހަރުގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީއިން ފަށާފައިވާ މެޑިސިން ޕްރޮގްރާމް އިތުރަށް ތަރައްޤީކޮށް، ޚާއްޞަ ޑޮކްޓަރުން އުފެއްދުމަކީ، ޤައުމީ ޔުނިވަރސިޓީއާ މެދު ދިވެހި ރައްޔިތުން މިހާރު ކުރާނެ، އެންމެ ފޮނި އުންމީދުކަމުގައި ވިދާޅިވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުޅި ރާއްޖެއަށް މަތީ ތަޢުލީމް ފުޅާކުރުމަށް، ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތުން ރާއްޖޭގެ އުތުރާއި ދެކުނުގައި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް މިހާރު ޤާއިމްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ދިވެހި ރައްޔިތުން މިހާރު ކުރާ އުންމީދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ދަންމަރުގެ ހުޅުކޮޅެއް ދިއްލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ މެދުގައި އޮތް ލ. އަތޮޅުގައި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިފަދަ ކެމްޕަސްތަކަކީ، ރާއްޖޭގެ ޞިނާޢަތްތައް ދިރުވައި އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދިރާސާތައް ހެދުމަށް، ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގުމަކީ، ޖަޒީރާވަންތަ ދިރިއުޅުމެއްގެ ތެރެއިން، ޢިލްމީ ހުނަރާއި ފަންނުވެރިކަން ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އަދި ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމުގައި ވެސް، ޤައުމީ ޔުނިވަރސިޓީއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ތަޢުލީމީ މައިދާނުގައި ކުރިއަރައިގެން ތިޔަ ދާ ހަލުވިމިނުގައި، ޙަޔާތުގެ އެހެން މައިދާންތަކުގައި ވެސް ކުރިއަރައި ދިޔުމަށް، ތިޔަ ޒުވާން އަންހެނުންނަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. މިރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ޤައުމުގެ މަތީ މަޤާމުތަކަށް، ތިޔަ ފަދަ ދިވެހި އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު." މިރޭ ދަސްވެނިވާ ދަސްވެނީންގެ 78.2 އިންސައްތައަކީ، އަންހެނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހިންގެ ތެރޭގައި ކިޔަވައިގެން، ސެޓްފިކެޓް ޙާޞިލްކޮށްފައި ތިބި މީހުން ވަރަށް ގިނަ ނަމަވެސް ނެތިގެން މިއުޅެނީ، ލިބިފައިވާ ޢިލްމާ އެއްވަރަށް ޙިކްމަތްތެރިކަމާ އެކު ކަންކަން ކުރާނެ މީހުންކަމުގައެވެ. އެގޮތުން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ، މީހާގެ ކިބައިގައި ޙިކްމަތްތެރިކަން އުފަންވެގެން އަންނަނީ، އޭނާގެ ބުއްދިއާއި ވިސްނުން ތަރައްޤީ ކުރި މިންވަރަކުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ޔުނިވަރސިޓީން ޢިލްމާއި ހުނަރު ދެވިދާނެކަމަށާއި، ނަމަވެސް ބުއްދި ތަރައްޤީ ކުރުމަކީ، އެ ދަރިވަރެއްގެ އަމިއްލަ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިންސާނާގެ ޝަޚްޞިއްޔަތު ބިނާވެގެން އަންނަނީ، ލިބިހުރި ޢިލްމުގެ ބޭނުން ހިފާ ގޮތެއްގެ މަތީގައި. ތިޔައިގެ ތެރެއިން ކޮންމެ ދަރިވަރަކު ވެސް، މިރެއިން ފެށިގެން ޢަޒުމް ކަނޑައަޅަންވީ، ތިމާ އުނގެނުނު ޢިލްމުގެ އެހީގައި، ތިމާގެ ކިބައިގައި މުޅިން އައު ޝަޚްޞިއްޔަތެއް އުފަން ކުރުވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މި ޝަޚްޞިއްޔަތު ވާންވާނީ އަނެކުންނަށް އޯގާތެރިވެ ކަމޭހިތާ، އަދި އަނެކުންގެ އިޙްސާސްތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގާ ޝަޚްޞިއްޔަތަކަށެވެ. އަދި މިޝަޚްޞިއްޔަތު ވާންޖެހޭނީ ޙައްޤު ގޮތަކީ، އެންމެ ޢަދުލުވެރި ރަނގަޅު ގޮތް ކަމުގައި ޤަބޫލުކުރާ ކޮރަޕްޝަނާ ޚިޔާނަތާއި ފަސާދައަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަ ޝަޚްޞިއްޔަތަކަށް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު