ލ. މުންޑޫ ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ މުންޑޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މުންޑޫގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި މުންޑޫ ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، މުންޑުއަކީ މީހުން ދިރިއުޅޭ ރަށެއްކަން ރަސްމީކޮށް އެނގެން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ސުނާމީގައި އެތައް ބައެއްގެ ގެދޮރު ހަލާކުވުމުގެ ސަބަނުން ކުރިމަތިވެފައިވާ ގެދޮރުގެ ދަތިތަކާއި، ރަށުގައި ނަރުދަމާ އަދި ރައްކާތެރި ބޯފެނުގެ ނިޒާމު ފަދަ އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. އަދި ރަށުގެ މުވައްސަސާތަކުގައި އެކަށީގެންވާވަރަށް މުވައްޒަފުން ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މެންބަރުން ވަނީ ގަމާއި މުންޑޫ ގުޅާލައި ދިނުމަށާއި، ލޯކަލް ޓުއަރިޒަމް ތަރައްޤީކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މުންޑޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު