މިހާރު ފުލުހުންނަށް ސިޔާސީ ނުފޫޒެއް ނޯންނާނެ - ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރުން ވެރިކަން ކުރަމުންދާނީ، ޤާނޫނީ އިމުގެ ތެރެއިން އެންމެ ފުރިހަމަ މިނިވަންކަމާ އެކު، އަމަންއަމާންކަން ޤާއިމުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފުލުހުންނަށް ދީގެންކަމަށާއި މިވެރިކަމުގައި، ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަމުގެ ޔަޤީންކަން ހުރިހާ ފުލުހުންނަށާއި ރައްޔިތުންނަށް އަރުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ފުލުހުން ޢަޒުމް ކަނޑައަޅަންވީ ފުލުހުންނާ މެދު ރައްޔިތުންގެ ހިތުގައި އިތުބާރާއި ޔަޤީންކަން އުފެއްދުމަށްކަމަށާއި، ފުލުހުންނާ ބައްދަލުކުރާއިރު، ރައްޔިތުންގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ގެނުވުމަށްކަމަށެވެ. އަދި، ތަރައްޤީ ހަލުވިވެ އިޤްތިޞާދު ކުރިއަރައި ދިޔުމަށް ވެސް، ބޭނުންވާ އެންމެ މުހިންމު ކަމަކީ، ޤައުމުގެ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުން މަސައްކަތްކުރަންވީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ރައްޔިތުންނަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމަށްކަމުގައެވެ.

"ޤައުމުގެ ދާޚިލީ ހަމަޖެހުމާއި އަމަންއަމާންކަން ބިނާވެފައި އޮންނާނީ، އެ ޤައުމެއްގެ ފުލުހުންގެ ތެދުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް. ދިވެހި ފުލުހުންނަކީ، އަބަދުވެސް ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތާ، ޤާނޫނީ އިމުގެ ތެރޭގައި، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދޭ ބަޔަކަށް ހެދުމަކީ، އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާ އިޞްލާޙްކުރުމުގެ މަސައްކަތް މި ވެރިކަމުގެ ފުރަތަމަ ދުވަހާއެކު ފަށައިފައިވާކަމަށާއި ވެރިކަމުގެ މަސައްކަތު 100 ދުވަހުގެ ތެރޭގައި، ފުލުހުންނާ ގުޅޭގޮތުން ކުރުމަށް ކަނޑައެޅި ހުރިހާ ކަމެއް، ފުރިހަމަކުރެވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"މިދިޔަ ހަފުތާގައި ނިމިގެން ދިޔަ ފުލުހުންގެ މަހާސިންތާއަކީ، އޭގެ ތެރެއިން ވަރަށް މުހިންމު ބައެއް. އޭގެ އިތުރުން، އެންވަޔަރްމެންޓް ޕޮލިސް ގާއިމުކޮށް، އަމަން ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުމުގެ ކަންތައް ވެސް ހަރުދަނާ ކުރެވިފައިވާކަން އަޅުގަނޑު ފާހަގަކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިރޭ މި އިފްތިތާޙްކުރި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭނަކީ، ފުލުހުންގެ މަހާސިންތާގައި ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި އެކަށައަޅާފައިވާ، ފަސް އަހަރުގެ ޕްލޭނެއްކަމަށާއި، ފުލުހުން ރަނގަޅުކުރަންވީ ކަންކަމުގެ ތެރެއިން، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި އިސްކަންދޭނެ ފަސް ކަމެއްވެސް މި ޕްލޭންގައި ވާނީ ކަނޑައެޅިފައިކަމުގައި ވިދާޅުވިއެވެ.

"ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ވެސް، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ކުރުމަށް، އެންމެ ބޮޑު އިސްކަމެއް ދީފައިވާ ކަމަކީ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު އިތުބާރާއި ޔަޤީންކަން އުފެއްދުން. އެކަން ޙާޞިލްކުރެވުމުން، މީހުން ކުށްތަކަށް އަރައިގަތުން މަދުވެ، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި ރައްޔިތުންނަށް ކުރިމަތިވާ ކޮންމެފަދަ ހާދިސާއެއްގައިވެސް، ރައްޔިތުންނާ އެންމެ ފުރަތަމަ ބައްދަލުކުރާ ބަޔަކީ ފުލުހުންނެވެ. ކިތަންމެ އުނދަގޫ ޙާލަތެއްގައި ވިޔަސް، ޖަޒުބާތުގައި ނުޖެހި، ރީތި ބަސްމަގުން މުޢާމަލާތު ކުރުމަކީ، ޕޮލިސް ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުލުހުންގެ ފަރާތުން އަބަދުވެސް ފެންނާންވާނީ، އޯގާތެރިވުމާއި އެކުވެރިކަމުގެ ސިފަކަމުގައި ރައީސުލްހުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު